ރޮޒައިނާ ނެތް ކަމަށް ބަލައި މަޖިލިސް ކުރިއަށް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް-- ފޮޓޯ/ މަޖިލިސް

މިހާރު ކުރިއަށް ދާ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޫނެވެ، ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

މަޖިލީހުގެ ތަޅުމުން ބޭރުވުމަށް ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދު ނަން އިއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީއެވެ. މިއީ މުޅިން ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ހޫނުވީ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ފެނަކައިގެ މެނޭޖްމަންޓަށް ގޮވާލުމަށާއި އެ ކުންފުނީގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާ ކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހެޅި ޤަރާރަށް ބަހުސް ކުރި ވަގުތުގައެވެ.

އިއްޔެ އެމްޑީޕީގެ 12 މެމްބަރުން އެ ޕާޓީއިން ވަކިވެފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ފައްޓަވަމުން ވިދާޅުވެފައި ވަނީ މެންބަރުން މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުން ވަކިކުރާނީ އެ މެމްބަރުން އަމިއްލައަށް އެކަން މަޖިލީހަށް ލިޔުމުން އެންގުމުން ކަމަށެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ޤަވާއިދުގައި އޮތް ގޮތް ސާފުކޮށްދިނުމަށް އެދި އެމްޑީޕީގެ ބައެއް މެމްބަރުން ސުވާލުކުރުމުން ނަޝީދު އެކަމަށް ވަކި ޖަވާބެއް ނުދެއްވިއެވެ. އެއާއެކު މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަން ބައެއް މެމްބަރުން ފެއްޓެވިއެވެ.

މަޖިލީސް ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖާބިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުނެވެ. އޭގެ ފަހުން ފެނަކައިގެ ގަރާރަށް ބަހުސް ކުރި ވަގުތު މެމްބަރު ރޮޒައިނާ އަޑުގަދަ ކުރަން ފެއްޓެވުމުން ނަސޭހަތް ދިނުމަށް ފަހު ރައީސް ނަޝީދު އޭނާގެ ނަން އިއްވެވިއެވެ. ނަމަވެސް ރޮޒައިނާ އެވަރުން ވެސް މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިނުގަތެވެ.

އޭގެ ފަހުން މެންބަރު މުޣުނީ އަޑުގަދަކުރެއްވުމުން އޭނާގެ ނަން ވެސް ވަނީ އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.

އެހެންނަމަވެސް, މެންބަރުން އަޑު ގަދަ ކުރެއްވުމުން ވެސް ގަވައިދުގައި އެކަން އޮތް ގޮތް ނަޝީދު ސާފުކޮށްދެއްވާފައެއް ނުވެއެވެ.

މަޖިލީހުގެ ތަޅުން ހޫނުވުމާއެކު މަޖިލިސް ވަނީ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ.

އެއަށްފަހުވެސް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވަނީ މަޖިލީހުން ނުނިކުންނަވާ އަޑުގަދަކޮށްފައެވެ. ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރޮޒެއިނާއަށް ދަންނަވާފައެވެ.

އޭގެ ފަހުން ވެސް އަޑުގަދަ ކުރެއްވުމުން މަޖިލީހުގެ ގަވާއިދުގެ ބޭނުމަށް މަޖިލީހުގެ ތަޅުމުގައި ރޮޒައިނާ ނެތް މެމްބަރެއްގެ ގޮތުގައި ކަނޑައަޅުއްވާ ނަޝީދު ވަނީ މަޖިލިސް ކުރިއަށް ގެންދަވާފައެވެ.

ނަޝީދު ވިދާޅުވީ އެއްވެސް މެމްބަރަކު ގަދަ ބާރުން މަޖިލީހުގެ ތަޅުމުން ބޭރުކުރަން ނުވިސްނަވާ ކަމަށެވެ.

comment ކޮމެންޓް