ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް އެމްއެންޑީއެފްގެ ސެކިއުރިޓީ މިހާރު ދީފައިވާކަމަށާއި ހުރިހާ މެންބަރުންގެ ރިސްކް އެސެސްމެންޓެއް ހަދަން ވެސް އެދެން ނިންމައިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި، މީހަކު ހޯދަން ފުލުހުން އިއުލާނުކުރީ މީގެ ތިން ދުވަސް ކުރިންނެވެ.
މި ފަދަ މައްސަލަތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލަތަކެއް ކަމުގައި އަސްލަމް ވިދާޅުވިއެވެ. އަދި މަޖިލިސް މެންބަރުން ނޫނަސް، އެއްވެސް މީހަކަށް މިފަދަ ހަމަލާއެއް ދެވިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވެސް ސަލާމަތީ ބާރުތަކުން ރައްކާތެރިކަން ދޭން ޖެހޭ ބައެއް،" އޭނާ ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންނަށް ވެސް ސެކިއުރިޓީ ފޯރުކޮށްދޭނީ މެންބަރަކު އަމިއްލައަށް އެދިގެން ނުވަތަ ތްރެޓް އޮންނަ ލެވެލަކަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، މަޖިލިސް މެންބަރުންގެ ރިސްކް އެސެސްމަންޓެއް ހަދަން މިހާރު މަޝްވަރާކުރަމުންދާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި އެ އެސެސްމެންޓަށްފަހު ސެކިއުރިޓީ ބޭނުންވާކަމަށް ފެންނަ މެންބަރުންނަށް ޕާސަނަލް ސެކިއުރިޓީ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ޒަރީރަށް, ފަސް މީހުންގެ ގްރޫޕަކުން ހަމަލާ ދިނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. މަރުތޭލައަކުން ޖަހައި ބޯ ފަޅާލުމުގެ އިތުރުން އެހެން ބައެއް އަނިޔާތައް ވެސް އޭނާއަށް ވަނީ ލިބިފައެވެ.
ޒަރީރު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހޯދަނީ ކުށުގެ މާޒީއެއް އޮންނަ ކ. މާލެ/ މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ)އެވެ.
އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.