ރާއްޖެއާއި ޔޫއޭއީގެ ގުޅުން ބިނާވަނީ އިސްލާމީ އަސާސްތަކުގެ މައްޗަށް: ރައީސް

ޔޫއޭއީގެ މިނިސްޓާ ޗޭންޖް އެންޑް އެންވަޔަރަންމަންޓް ރައީސުލްޖުމްހޫރިއޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ)އާ ރާއްޖެ އާ ދެމެދުގައި އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި، ސަޤާފަތާއި، ދެެ ޤައުމުން ޤަބޫލުކުރާ ކަންތައްތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޔޫއޭއީގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަަރްޔަމް ބިންތް މުޙައްމަދު ސައީދު ހަރެބް އަލްމެހްރި، އެ މަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޔޫއޭއީގެ މިނިސްޓާ ޗޭންޖް އެންޑް އެންވަޔަރަންމަންޓް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޔޫއޭއީގެ މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ، އެ ޤައުމުގެ އިސް ވެރިންނަށް ހެޔޮ އެދުންތައް ފޮނުއްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި، ސަޤާފަތާއި، ދެެޤައުމުން ޤަބޫލުކުރާ ކަންތައްތަކުގެ މައްޗަށެވެ.

ޔޫއޭއީގެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ކަމަނާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މައްސަކަތްތައް ފާހަގަކުރައްވާ ތައުރީފު ކުރައްވައިފައެވެ.

ޔޫއޭއީގެ މިނިސްޓާ ޗޭންޖް އެންޑް އެންވަޔަރަންމަންޓް ރައީސުލްޖުމްހޫރިއޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިގޮތުން ރާއްޖެއިން 2030ވަނަ އަހަރާ ހަމަޔަށް ދާން ވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އެ ކަމަނާ ވަނީ ފާހަގަކުރައްވައިފައެވެ.

ދެ ބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ މި އަހަރު ނޮވެންބަރު މަހުގެ 30 އިން ޑިސެންބަރު 12 އަށް ޑުބާއީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮޕް 28ވަނަ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި، ރައީސް ވަނީ މި ފަހަރުގެ ބައްދަލުވުމުގައި ޕެރިސް އެގްރީމަންޓްގެ ނަތީޖާ ނުކުންނަ ގޮތް ބެލުމަށްޓަކައި ގްލޯބަލް ސްޓޯކްޓޭކްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ ކޮޕް 28 އަށް ޔޫއޭއީގެ ރިޔާސަތަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން، ކޮޕް 27 ގައި އިޢުލާނުކުރެވުނު "ލޮސް އެންޑް ޑެމޭޖް ފަންޑް" ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.

ޔޫއޭއީގެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ކަމަނާ ވިދާޅުވީ މި ފަންޑް ދޫކުރުމުގައި އެންމެ ބޭނުން ޖެހިފައިވާ މައްސަލަތަކަށް އިސްކަންދެއްވާނެ ކަމަށެވެ.

މޫސުމީ ބަދަލުތަކުން ރައްކާތެރިވެ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޔޫއޭއީ އިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުކުރެއްވުމުގައި އެ ކަމަނާ ދެއްވިއެވެ.

ރާއްޖެއާއި ޔޫއޭއީ އާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 15 މާރިޗު 1978ވަނަ އަހަރުގައެވެ.

comment ކޮމެންޓް