ޗާގޯސްއާ ގުޅޭ ފައިލްތައް ހާމަކުރަން ޑރ. ޝަހީދު އެދިވަޑައިގެންފި

ޑރ. އަހްމަދު ޝަހީދު ---

ޗާގޯސްއާ ބެހޭ ގޮތުން 1982ވަނަ އަހަރުން ފެށިގެން ރާއްޖެއިން ނިންމާފައިވާ ނިންމުތައް ހާމަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެދިވަޑައިގެންފިއެވެ.

އިމުގެ މައްސަލައާ ގުޅިގެން ތަފާތު ޚިޔާލުތަކެއް ހުރިއިރު، އެކަމަ އަލިއަޅުއްވާލައްވައި ޑރ. ޝަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުން މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފައްދައި އަދި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރިކުރުވާ ކަމެއް ކަމަށެވެ.

އެ ޓުވީޓުގައި އޭނާ ވަނީ، ޗާގޯސްއާ ބެހޭ ގޮތުން 1982ވަނަ އަހަރުން ފެށިގެން ޗާގޯސްއާ ގުޅިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އެމެރިކާގެ ނިއު ޔޯކާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ރާއްޖޭގެ މިޝަންގައި ހުރި ކަމާ ގުޅެ ހުރިހާ ފައިލެއް ހާމަކުރުމަށް އެދިވަޑައިގެންފައެވެ.

"މި ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާ ދެންނެވުމެއް. ސައްހަ ފުރިހަމަ މައުލޫމާތުގެ އަލީގައި ރައްޔިތުންނަށް މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައި ދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި އަދި ޔުނިވާސިޓީތަކުގެ ޒިންމާއެއް،" ޑރ. ޝަހީދުގެ ޓުވީޓުގައިވެއެވެ.

އިމުގެ މައްސަލައިގައި މީގެ ކުރިން ޑރ. ޝަހީދު ވިދާޅުވީ އަބަދު ވެސް ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތަކީ ޗާގޯސްއަކީ މޮރިޝަސްއަށް ލިބެން ޖެހޭ ތަނެއް ކަމަށެވެ.

https://sun.mv/177143

އެގޮތުން، 2010ވަނަ އަހަރު މޮރިޝަސްއާ އެކު ބައިލެޓަރަލް ވާހަކަތައް ބޭއްވީ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ކަމަށާއި، އެއީ އީއީޒެޑް ޒޯން ބަހާލަން ބޭއްވި މަޝްވަރާތަކެއް ނޫން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އަދި، 1986، 1983، 1997 އަދި 2002ވަނަ އަހަރާއި އެހެން ފަހަރު ތަކުގައި ވެސް ރާއްޖެއިން ދެމެހެއްޓީ އެ ސިޔާސަތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނަމުން ދަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކަނޑައަޅައި މައްސަލަ ނިންމުމުން އެއީ ރާއްޖޭން ކަނޑުގެ ސަރަހައްދެއް ދޫކޮށްލުން ކަމަށެވެ.

އިޓްލޮސް އިން މިދިޔަ މަހު ނިންމީ ފުށުއަރާ ސަރަހައްދު ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށެވެ. ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިމުގެ މައްސަލައިގައި އިޓްލޮސްގެ ނިންމުން ކަމުނުގޮސްގެން، އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅުކުރަނީ، އެ ސަރަހައްދު އެއްކޮށް ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް