ޗާގޯސް މައްސަލައިގައި ރާއްޖެއިން އަބަދު ވެސް ގެންގުޅުނު ސިޔާސަތަކީ ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ބައެއް ބަންޑާރަ ނައިބުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވީ ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތު އެންމެ ފުރަތަމަ ބަދަލު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑރ. ޝަހީދު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ.
އެގޮތުން، މޮރިޝަސްއިން ރާއްޖެއާ ވާހަކަ ދައްކަން ފުރަތަމަ ހުށަހެޅީ 2001ވަނަ އަހަރު ކަމަށާއި ނަމަވެސް ރާއްޖެއިން މޮރިޝަސްއާ ވާހަކަ ދައްކަން ދެކޮޅު ހެދީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް މައްސަލަ ނުނިމެނީސް މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
އެ ކަމަށް ރައްދު ދެއްވަމުން ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އަބަދު ވެސް ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތަކީ ޗާގޯސްއަކީ މޮރިޝަސްއަށް ލިބެން ޖެހޭ ތަނެއް ކަމަށެވެ.
އެގޮތުން، 2010ވަނަ އަހަރު މޮރިޝަސްއާ އެކު ބައިލެޓަރަލް ވާހަކަތައް ބޭއްވީ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ކަމަށާއި، އެއީ އީއީޒެޑް ޒޯން ބަހާލަން ބޭއްވި މަޝްވަރާތަކެއް ނޫން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
"ކަންކަން ދިރާސާ ނުކޮށް ފަތުވާ ނެރުމަކީ ވަރަށް ދެރަކަމެއް" ޝަހީދު ވިދާޅުވުއެވެ.
އަދި، 1986، 1983، 1997 އަދި 2002ވަނަ އަހަރާއި އެހެން ފަހަރު ތަކުގައި ވެސް ރާއްޖެއިން ދެމެހެއްޓީ އެ ސިޔާސަތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނަމުން ދަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކަނޑައަޅައި މައްސަލަ ނިންމުމުން އެއީ ރާއްޖޭން ކަނޑުގެ ސަރަހައްދެއް ދޫކޮށްލުން ކަމަށެވެ.
އިޓްލޮސް އިން މިދިޔަ މަހު ނިންމީ ފުށުއަރާ ސަރަހައްދު ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށެވެ. ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.