އިސްލާމީ ޝަރީއަތުގެ މަތިން އެސްއެމްއީތަކަށް 616 މިލިއަން ރުފިޔާގެ ހިލޭ އެހީ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އާ އެކު ސަރުކާރުން ސޮއި ކުރުން --- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

އިސްލާމީ ޝަރީއަތުގެ އުސޫލުތަކުގެ މަތިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (ކުމެވިތަކަށް) 616 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމު ކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

މިހާރު ސައުދީގެ ޖިއްދާގައި ކުރިއަށްދާ އައިއެސްޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި "އެސްއެމްއީ އިމްޕެކްޓް ފަންޑު" ގާއިމް ކުރުމަށް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި، އައިއެސްޑީބީގެ ފަރާތުން ސޮއިކުރީ އެ ބޭންކުގެ ރައީސް މުހައްމަދު އަލް ޖާސިރުއެވެ.

މި ފަންޑާ މެދު ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މި ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ، ތަފާތު ދާއިރާތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކި މާލީ ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓް ކުރާނެ ފަންޑެއް ކަމަށެވެ. އެގޮތުން މި ފަންޑުން އިންވެސްޓް ކުރާނެ ދާއިރާތަކުގެ ތެރޭގައި:

- ރަށްރަށުގައި ހަލާލް ޓޫރިޒަމް ގެސްޓްހައުސް ތަރައްގީކުރުން،
- އޮފީސް ޖާގައާއި ބައެއް ކަހަލަ ކުދި މުދާ އުފައްދާ ކާރުހާނާތަކާއި ގުދަން ފަދަ ތަންތަން ގާއިމްކުރުން އަދި،
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އަދަދާއި މިންވަރު އިތުރުކުރުމަށް އެސްޑީއެފްސީއަށް ފައިސާ ދިނުން

ފިނޭންސް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި މިކަމާ މެދު ބުނީ މި ފަންޑަކީ އައިއެސްޑީބީ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ގާއިމް ކުރާ ފަންޑެއް ކަމަށެވެ.

އަދި، މި ފަންޑަކީ އެކި އިންވެސްޓަރުންގެ ފައިސާ އެއް ތަނަކަށް ޖަމާކޮށް، އެ ފައިސާ އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ގޮތަށް ހިންގާ ފަންޑެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި ފަންޑު އުފައްދަން ނިންމާފައިވަނީ އައިއެސްޑީބީ މެދުވެރިކޮށް ހޯދާ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ)އިން ކަމަށާއި، މި ފަންޑުން ކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިދާގެ ބޭނުން ހިފަހައިގެން ދެމެހެއްޓެނިވި ގޮތެއްގައި ފަންޑު ހިންގޭނެ ގޮތަށް ރާވާފައިވާ ކަމަށެވެ.

comment ކޮމެންޓް