ނައީމާގެ މަރު: މަނަދުއަށް ސީޕީ ވަޑައިގަތުމުން ތަހުގީގު ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނ. މަނަދޫގައި ޒަޚަމްތަކަކާއެކު މަރައިލައިފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ، ނައީމާ މޫސާގެ މަރުގެ ތަހުގީގު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެ ރަށަށް ވަޑައިގެންފިއެވެ.

ސީޕީއާއެކު ފުލުހުންގެ ޓީމެއް ވަނީ އެ ރަށަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވެސް ހިމެނިވަޑައިގެންނެވިއެވެ.

ނ. މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ޞަބީހު މިއަދު "ސަން"އަށް ވިދާޅުވީ ސީޕީއާއެކު ފުލުހުންގެ ޓީމު އެ ރަަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ ގާތިލުން ހޯދާނެކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވި ކަމަށެވެ. އަދި ސީޕީ އެ ރަށަށް ވަޑައިގެންނެވީ މަރުގެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް ގާތުން ބައްލަވާލެއްވުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީއާ ހަވާލާދީ ޞަބީހު ވިދާޅުވީ ތަހުގީގު ދިގުލައިގެން ދަނީ މައްސަލައިގެ ބާވަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ކަމަށެވެެ.

ރައްޔިތުންނާ ސީޕީ ބައްދަލުކުރެއްވުމުން ރައްޔިތުން ވަނީ މައްސަލަ ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.

comment ކޮމެންޓް