ރާއްޖޭގެ އެންމެ ފުރަތަމަ ޒަމާނީ ސްމާޓް ޕާކިން ތައާރަފު ކޮށްފި

ރާއްޖޭގައި ފުރަތަމަ ޒަމާނީ ސްމާޓް ޕާކިން އާބަންކޯ އިން ތައާރަފު ކުރުން -- ފޮޓޯ/ އާބަންކޯ

ރާއްޖޭގެ އެންމެ ފުރަތަމަ ޒަމާނީ ސްމާޓް ޕާކިން އާބަންކޯއިން ތައާރަފުކޮށްފިއެވެ.

އާބަންކޯއިން މިއަދު ބުނީ، ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯން ސްމާޓް ޕާކިން ޒޯނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވަރަށް އަވަސް މުސްތަގުބަލެއްގައި މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ވަރަށް ހާއްސަ ތަފާތު ކަންކަން އެބަހުއްޓެވެ.

މިގޮތުން، ޕާކިންޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަންބަރު ބޯޑު ކޮމްޕިއުޓަރު ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ.

މިގޮތަށް ހުށިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަންބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމްއެލް) ބޭނުންކުރެއެވެ.

ރާއްޖޭގައި ފުރަތަމަ ޒަމާނީ ސްމާޓް ޕާކިން އާބަންކޯ އިން ތައާރަފު ކުރުން -- ފޮޓޯ/ އާބަންކޯ

މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާ އެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ. މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 24 ގަޑި އިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރެވޭނެއެވެ.

ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ. އަދި، ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައިވެއެވެ.

މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ.

އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތް ތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ.

މިކަންކަމުގެ އިތުރަށް ފަސޭހަކަމާ އެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕްގެ ޒަރީއާއިން ފެންނާނެއެވެ.

comment ކޮމެންޓް