އުކުޅަހުގައި އޮތް ސަފާރީ އެންމެ ފަހުން ގެންގޮސްފި

އުކުޅަހަށް ބަނގުރާ ވިއްކާކަމަށް ތުހުމަތުކުރާ ސަފާރީ -- ފޮޓޯ/ ކިޔުންތެރިއެއް

އއ. އުކުޅަހު ބަނދަރުގައި ބާއްވައިގެން ރަށަށް ބަނގުރާ އެތެރެކުރާ ކަމަށް ތުހުމަތު ކުރި ސަފާރީ އެންމެ ފަހުން އެ ރަށު ފަޅުން ނެރެގެން ގެންގޮސްފިއެވެ.

އެ ރަށު މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ، އެ ދޯނި ނެރުނީ ގާތްގަނޑަކަށް މިއަދު ހަވީރު 4:25 ހާއިރު ކަމަށެވެ.

އޭނާ ބުނީ އެ ސަފާރީ ނެރުނީ ފުލުހުންގެ ބާރަކާ ނުލާ ސަފާރީގެ ފަޅުވެރިން އަމިއްލައަށް ކަމަށެވެ.

"އެކަމަކު ފުލުހުން އެ މީހުން ސްޓޭޝަނަށް ގެންދިޔަ. އެ މީހުން ކައިރީ ބުނީ ހަތަރެއްގެ ކުރިން އެ ސަފާރީ ނެރެން،" އޭނާ ބުންޏެވެ.

ކައުންސިލްގެ އެދުމަށް މިދިޔަ ހޮނިހިރު ދުވަހު އެ ރަށު ކޯޓުން ވަނީ އެ ސަފާރީ އުކުޅަހު ފަޅުން ނެރުމަށް އަންގާ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ 24 ގަޑިއިރުތެރޭ ސަފާރީ އުކުޅަހު ފަޅުން ބޭރު ކުރަން ޖެހޭނެ ކަމަށެވެ. އެ ކޯޓު އަމުރަށް 24 ގަޑިއިރު ވީ ރޭގެ ވަގުތެއްގައެވެ.

ސަފާރީން އުކުޅަހަށް ބަނގުރާ އެތެރެކުރާ ކަމަށް ބުނާ މައްސަލަ ބޮޑުވެ، އެ ރަށު ރައްޔިތުން ވަނީ، ކައުންސިލް ދޮށަށް އެއްވެ އެކަން ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް މީގެ ކުރިން އެތައް ފަހަރަކު އެދިފައެވެ.

އެގޮތުން ކައުންސިލުން އެދިގެން ކޯޓުން ނެރުނު އަމުރެއްގެ ދަށުން ސަފާރީ ބަލާފާސްކުރި އިރު، އޭގައި ބަނގުރާ ނެތްކަމަށް ރަށު މީހުން ބުނެއެވެ. ރަށު މީހުން ތުހުމަތުކުރާ ގޮތުގައި، ފުލުހުން ސަފާރީ ފާސްކުރަން ދާކަން އެނގުމުން އެ މީހުން ރާފުޅިތައް ފޮރުވީއެވެ.

އެ ރަށު ރައްޔިތުން ދެކޭ ގޮތުގައި އެ ސަފާރީ ބަލާ ފާސްކޮށްގެން ވާނެ ކަމެއް ނެތެވެ.

"އެއީ ރާ ވިއްކަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައި އޮތް އެއްޗެއް. އެހެންވީމަ ކޮންމެހެން ބަލާ ފާސްކުރަން ޖެހޭ އެއްޗެއް ވެސް ނޫން ދޯ އެއީ،" އޭނާ ބުންޏެވެ.

އެހެންކަމުން ރައްޔިތުން އެދުނީ އެ ސަފާރީ އުކުޅަހު ފަޅުން ނެރުމަށެވެ. ނަމަވެސް ކައުންސިލާ ވާހަކަދައްކައިގެން އެކަމަށް އަލިމަގެއް ނުފެނުމުން މިދިޔަ ހުކުރު ދުވަހު ރަށު ރައްޔިތުން ނުކުމެ އުކުޅަހު ނެރު ބަންދުކުރިއެވެ.

އުކުޅަހު ރައްޔިތުން ކުރި މި މުޒާހަރާތައް މި ވަގުތަށް މެދުކަނޑާލާފައި ވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ.

އުކުޅަހުން ވާހަކަދެއްކި މީހާ ބުނީ، ބަނގުރަލުގެ މުއާމަލާތު އެ ރަށުގައި އެންމެ ގަދައަށް ހިންގަނީ ރަށުގައި ހުންނަ ހަޓެއްގައި ކަމަށެވެ. އެހެންކަމުން ސަފާރީ ނެރުމަށް ފަހު ދެން ފަށާނީ ހަޓު ބަންދުކުރުމުގެ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

"އެއީ އެ ސަފާރީގެ މީހުން ހަދާފައި ހުރި ހަޓެއް. ފުލުހުނަށް ވެސް ކައުންސިލަށް ވެސް ބާރެއް ނުފޯރަ،" އޭނާ ބުންޏެވެ.

އުކުޅަހަކީ ގެސްޓުހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ. އެހެން ނަމަވެސް، އެ ރަށުގައި ބަނގުރާ ވިއްކުމާ ރަށުގެ ރައްޔިތުން މުޅިން ދެކޮޅެވެ. އަދި، އެއީ ރާއްޖޭގެ ގާނޫނު ތަންދޭ ކަމެއް ވެސް ނޫނެވެ.

comment ކޮމެންޓް