ކޯޓު އަމުރަށް ތަބައެއް ނުވި، އަދިވެސް އުކުޅަހުން ސަފާރީ ބޭރެއް ނުކުރޭ

އުކުޅަހުގައި ރާ ވިއްކާކަމަށް ތުހުމަތުކުރާ ސަފާރީ --

އއ. އުކުޅަހު ބަނދަރުގައި ސަފާރީއެއް ބާއްވައިގެން ރަށަށް ބަނގުރާ އެތެރެކުރާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، އެ ސަފާރީ އުކުޅަހު ފަޅުން ނެރެން ކޯޓު އަމުރެއް ނެރުނު ނަމަވެސް، އަދިވެސް އެ ސަފާރީ އެރަށު ފަޅުން ނުނެރެއެވެ.

އެ ސަފާރީ އުކުޅަހު ފަޅުން ނެރުމަށް އަންގާ މިދިޔަ ހޮނިހިރު ދުވަހު އެރަށު ކޯޓުން އަމުރެއް ނެރުނީ ކައުންސިލުން އެފަދަ އަމުރަކަށް އެދުމުންނެވެ. އެ އަމުރުގައި ވަނީ 24 ގަޑިއިރުތެރޭ ސަފާރީ އުކުޅަހު ފަޅުން ބޭރު ކުރަން ޖެހޭނެ ކަމަށެވެ. އެ ކޯޓު އަމުރަށް 24 ގަޑިއިރު ވީ ރޭގެ ވަގުތެއްގައެވެ.

އެރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ސަފާރީގެ ފައްތިޔާ ވެސް މިހާރު ނަގާފައި ވާކަމަށެވެ. ނަމަވެސް އަދި ސަފާރީ ނުގެންދާ ކަމަށް އޭނާ ބުންޏެވެ.

މި ދުވަސްވަރު އުކުޅަހަށް މޫސުން ގޯހެވެ. އެހެންކަމުން މޫސުން ރަނގަޅުވުމުން ފުލުހުން އެ ސަފާރީ ރަށުގެ ފަޅުތެރެއިން ނެރޭނެކަމަށް ލަފާކުރެވޭކަމަށް އޭނާ ބުންޏެވެ.

"ފުލުހުން މިހާރު ވެސް ރަށުތެރޭގަ އެބަ ހަރަކާތްތެރި ވޭ،" އޭނާ ބުންޏެވެ.

ސަފާރީން އުކުޅަހަށް ބަނގުރާ އެތެރެކުރާ ކަމަށް ބުނާ މައްސަލަ ބޮޑުވެ، އެރަށު ރައްޔިތުން ވަނީ، ކައުންސިލް ދޮށަށް އެއްވެ އެކަން ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް މީގެ ކުރިން އެތައް ފަހަރަކު އެދިފައެވެ.

އެގޮތުން ކައުންސިލުން އެދިގެން ކޯޓުން ނެރުނު އަމުރެއްގެ ދަށުން ސަފާރީ ބަލާފާސްކުރި އިރު، އޭގައި ބަނގުރާ ނެތްކަމަށް ރަށު މީހުން ބުނެއެވެ. ރަށު މީހުން ތުހުމަތުކުރާ ގޮތުގައި، ފުލުހުން ސަފާރީ ފާސްކުރަން ދާކަން އެނގުމުން އެމީހުން ރާފުޅިތައް ފޮރުވީއެވެ.

އެ ރަށު ރައްޔިތުން ދެކޭ ގޮތުގައި އެ ސަފާރީ ބަލާ ފާސްކޮށްގެން ވާނެ ކަމެއް ނެތެވެ.

"އެއީ ރާ ވިއްކަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައި އޮތް އެއްޗެއް. އެހެންވީމަ ކޮންމެހެން ބަލާ ފާސްކުރަން ޖެހޭ އެއްޗެއް ވެސް ނޫން ދޯ އެއީ،" އޭނާ ބުންޏެވެ.

އެހެންކަމުން ރައްޔިތުން އެދުނީ އެ ސަފާރީ އުކުޅަހު ފަޅުން ނެރުމަށެވެ. ނަމަވެސް ކައުންސިލާ ވާހަކަދައްކައިގެން އެކަމަށް އަލިމަގެއް ނުފެނުމުން މިދިޔަ ހުކުރު ދުވަހު ރަށު ރައްޔިތުން ނުކުމެ އުކުޅަހު ނެރު ބަންދުކުރިއެވެ.

އުކުޅަހު ރައްޔިތުން ކުރި މި މުޒާހަރާތައް މިވަގުތަށް މެދުކަނޑާލާފައި ވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ.

އުކުޅަހުން ވާހަކަދެއްކި މީހާ ބުނީ، ބަނގުރަލުގެ މުއާމަލާތު އެރަށުގައި އެންމެ ގަދައަށް ހިންގަނީ ރަށުގައި ހުންނަ ހަޓެއްގައި ކަމަށެވެ. އެހެންކަމުން ސަފާރީ ނެރުމަށްފަހު ދެން ފަށާނީ ހަޓު ބަންދުކުރުމުގެ މަސައްކަތްކަމަށް އޭނާ ބުންޏެވެ.

"އެއީ އެ ސަފާރީގެ މީހުން ހަދާފައި ހުރި ހަޓެއް. ފުލުހުނަށް ވެސް ކައުންސިލަށް ވެސް ބާރެއް ނުފޯރަ،" އޭނާ ބުންޏެވެ.

އުކުޅަހަކީ ގެސްޓުހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ. އެހެން ނަމަވެސް، އެ ރަށުގައި ބަނގުރާ ވިއްކުމާ ރަށުގެ ރައްޔިތުން މުޅިން ދެކޮޅެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު ތަންދޭ ކަމެއް ވެސް ނޫނެވެ.

comment ކޮމެންޓް