ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔާފަރި ކުރާ ސަފާރީއަކުން ހާހަކަށްވުރެ ގިނަ ބަނގުރާ ދަޅު ފުލުހުން އަތުލައިގެންފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ ތަކެތި އަތުލައިގަތީ ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ސަފާރީ ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.
މި އޮޕަރޭޝަނުގައި އެ ސަފާރީގެ ތެރެއިން 1،224 ދަޅު ބަނގުރަލާއި 124 ބަނގުރާ ފުޅި އަތުލައިގެންފައިވާއިރު، އެ ތަކެތި އެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާ ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަންގެ ދަށުން އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ދެ މީހަކު ގެނައި ކަމަށާއި އެ ދެ މީހުންނާ ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ އަންގާރަ ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ފާތިމަތު ދިޔާނާ ވިދާޅުވީ، ކަސްޓަމްސްއިން ސަފާރީތަކަށް ދޫކުރާ ބަނގުރާ ގެންގުޅޭ ގަވާއިދާ އެއްގޮތަށް ތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: ވިދާޅުވީ، ގަވާއިދާ ޚިލާފަށް ސަފާރީތަކުގައި ބަނގުރަލުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން، ގަވާއިދާ އެ ޚިލާފު ވެގެން ހަ ސަފާރީއެއް ޖޫރިމަނާކޮށް، އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކަސްޓަމްސްއިން ސަފާރީތަކަށް ބަނގުރާ ދޫކުރަނީ ފަތުރުވެރިކަމުގެ ވިޔަފާރީގެ ދަށުން އެކަން ކުރުމަށް ކަމަށް ވިޔަސް، ސަފާރީތަކުގައި ފަތުރުވެރިއަކު ނެތި ބަނގުރާ ވިއްކާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ވިޔަފާރި ކުރުމަށް ދީފައި އޮންނަ ހުއްދައިގެ ދަށުން ބަނގުރަލުގެ ވިޔަފާރި ކުރާ ސަފާރީއަކަށް ބަނގުރާ ދުލެއް ނުކުރާނެ ކަމަށާއި ރާއްޖޭގައި އެ ވިޔަފާރީ ނަހަމަ ގޮތުގައި ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވަނީ، ސަފާރީތަކަށް ބަނގުރަލުގެ ވިޔަފާރި ކުރުމަށް ދީފައި އޮންނަ ހުއްދައިގެ ދަށުން އެކަން ނުކުރާނަމަ ގާނޫނުގައި އޮންނަ އެންމެ ހަރުކަށި ފިޔަވަޅެއް އެ ފަރާތްތަކާމެދު އަޅާނެ ކަމަށް ވިދާޅުވެފައެވެ.