ކާރަކުން ފެނުނު 106 ފުޅި ބަނގުރާ: ބިދޭސީއަކު ހައްޔަރަށް

ކާރެއް ބަލައި ފާސްކުރިއިރު 106 ފުޅި ބަނގުރާ ފެނި، އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާގެ ވަނަވަރު: އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި -- ފޮޓޯ/ ފުލުހުން

ކާރަކުން ފެނުނު 106 ފުޅި ބަނގުރަލުގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އުމުރުން 30 އަހަރުގެ ރަސުލް އުލާ ރިދޯއީ ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ފުލުހުން ބުނީ، އެ ރޭ ދަންވަރުގެ ވަގުތެއްގައި، ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ތުހުމަތުކުރެވިގެން ފުލުހުން ގޮސް އެ ކާރު ބަލައި ފާސްކުރިއިރު 106 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު ވެސް ފުލުހުން ވަނީ 144 ދަޅު ބަނގުރަލާ އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1،152 މައްސަލަ އެ އިދާރާއަށް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް