ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުނު ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް، ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިދިޔަ 2021ވަނަ އަހަރުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އަމަލީ ގޮތުން މަސައްކަތްކޮށް، ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ، ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދީ ހަރުކަށި ފަރާތްތަކާ ގާތްގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައި ވަނީ ގދ. މަޑަވެލީ ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނީ، އެ މައްސަލައިގައި 2021ވަނަ އަހަރުގެ މޭ 17ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، އޭނާ ދިއިރުޅޭގެ ބަލައި ފާސްކުރިއިރު، ޓެރެރިސްޓު ޖަމާއަތްތަކެއް ކަމަށް ކަނޑައަޅާފައިވާ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާކަން ދޭހަ ކޮށްދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށެވެ.
އިއުތިސާމް ވަނީ ދައުލަތުގެ އެ ދައުވާއަށް އިންކާރުކޮށްފައެވެ.
ދައުލަތުން އިއުތިސާމްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ ދައުވާއަށް އިއުތިސާމް އިންކުރާކުރުމާ ގުޅިގެން، ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެއްކާ ގަރީނާއިން ގާނޫނު އަސާސީގައި ބަޔާކޮށްފައިވާ ގޮތަށް، މީހަކު ކުށެއް ކޮށްފިކަމަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި އަދި ގަރީނާ ލިބިފައިނުވާ ކަމަށެވެ.
އެގޮތުން ފޯނުން ފެނުނު ކަމަށް ބުނާ ފޮޓޯތަކަކީ އައިއެސް ޖަމާއަތުގެ ލޯގޯ އާއި ދިދައިގެ ފޮޓޯއެއްކަން ސާބިތުކުރަން އެ ފޮޓޯގެ އަސްލު ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ. އަދި، ކުޑަ ދެ ފޮޓޯއެއް ހުށަހެޅި ނަމަވެސް އެއީ އައިއެސްގެ ދިދަ އާއި ލޯގޯކަން ކަމާ ބެހޭ އެއްވެސް މުއައްސަސާއެއް މެދުވެރިކޮށް ދައުލަތުން ކަށަވަރުކޮށްފައިނުވާ ކަމަށް ވެސް އެ ހުކުމުގައިވެއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނީ ފުލުހުންގެ ރިޕޯޓް ތައްޔާރުކުރި މީހާގެ ބަހަށް އެކަނި ބަލައިގެން އެއީ އައިއެސްގެ ދިދަ އާއި ލޯގޯ ކަމަށް ނުނިންމޭނެ ކަމަށެވެ. އަދި، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ފޯނުން ފެނުނު ކަމަށް ފުލުހުންގެ ތަހުލީލު ރިޕޯޓުގައިވާއިރު، އެ ވީޑިއޯތަކުން އެއްވެސް ނުރައްކާތެރި މަންޒަރެއް ނުފެންނަ ކަމަށް ހުކުމުގައިވެއެވެ.
މީގެ އިތުރުން، ވީޑިއޯއިން ފެންނަނީ ކޮން ޖަމާއަތެއްގެ ބައެއްކަން ނޭނގޭ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާތީ، އައިއެސް ޖަމާއަތަށް ތާއީދުކުރާ ވީޑިއޯއެއް ގެންގުޅުނީ ކަމަށް ނުބެލެވޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެއެވެ.
އެހެންވެ، ދައުލަތުން އިއުތިސާމްގެ މައްޗަށް ކުރި ޓެރެރިޒަމްގެ އެ ދައުވާ، އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.