ރާއްޖޭގެ އިރުދެކުނުން އިތުރު ތޫފާނެއް އުފެދިފައިވީ ނަމަވެސް އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ތޫފާން 'ފެބިއަން'ގެ ނަމުން ނަން ދެވިފައިވާ އެ ތޫފާނު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ. އެހެން ކަމުން އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ ތޫފާނުގެ އިތުރުން ރާއްޖެއާ ދުރުން އިރުދެކުނު ބޭ އޮފް ބެންގާލްގައި އުފެދުނު 'މޮކާ' ތޫފާނު މިހާރު ބަންގްލަދޭޝާއި މިޔަންމާގެ އައްސޭރިފަށަށް އަރާފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެ ތޫފާނު ވެސް ރާއްޖެއާ ދުރަށް ދަތުރު ކޮށްފައިވާއިރު އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
އެ ދެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެގޮތުން، މެދު ރާއްޖެތެރެއާ އުތުރުގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި, ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ބުނެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި, އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެ އިދާރާއިން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.