އަދީބު އަތުން ޖޫރިމަނާގެ ދެ މިލިއަން ހޯދަން ދައުވާކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ: އޭނާ އަތުން ދެ މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ވަނީ ދައުވާކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ ދައުލަތަށް ދެ މިލިއަން ރުފިޔާ ދެއްކުމަށް ކުރި ޖޫރިމަނާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން ވަނީ 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 5 އޮކްޓޯބަރު 2020ގައެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ.

އެހެންވެ، ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އަދީބާއި ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމް އިއްވި އިރު ވެސް އޭނާ ހުރީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އޭއީ، އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ކަރެކްޝަނުން އޭރު ވަނީ ބުނެފައެވެ.

comment ކޮމެންޓް