'ލޯބިވެވިއްޖެ' ބަލާލަން ބޮލީވުޑްތަރި އަފްތާބް ރާއްޖެއަށް!

އަފްތާބް "ލޯބިވެވިއްޖެ" ޓީމާއެކު -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވަމުންދާ ފިލްމު "ލޯބިވެވިއްޖެ" ބަލާލުމަށް ބޮލީވުޑްގެ ތަރި އަފްތާބް ޝިވަސްދާނީ ރާއްޖެ އަތުވެއްޖެއެވެ.

އެއާޕޯޓްގައި ހުންނަވާ މީޑިއާތަކާ ވާހަކަ ދައްކަމުން އަފްތާބް ބުނީ އޭނާގެ ވަރަށް ގާތް ރައްޓެހިން ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި އެބަތިބި ކަމަށެވެ.

"އަލީ ސީޒަންއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. އޭނާގެ ރަނގަޅުކަމުން އަހަންނަށް އޭނާގެ ފިލްމު ލޯބިވެވިއްޖެ ބަލާލަން ދައުވަތު ދިނީ. އޮލިމްޕަހުގައި ފިލްމު ބަލައިލައި ފިލްމުގެ ކާސްޓުންނާއެކު ރަނގަޅު ވަގުތުތަކެއް ހޭދަކުރެވޭނެ ކަމަށް އަހަރެން އުންމީދުކުރަން،" އަފްތާބް ބުންޏެވެ.

ރާއްޖޭގައި އޭނާގެ އިތުރު އެއްވެސް ޕްލޭނެއް އޮތްތޯ ސުވާލުކުރުމުން އަފްތާބް ބުނީ ރާއްޖެއަށް އެއްވެސް މީހަކު ޕްލޭނަކާއެކު ނާންނާނެ ކަމަށެވެ.

"ރާއްޖެއަށް އަންނައިރު ހަމައެކަނި ޕްލޭނަކީ ޕްލޭނެއް ނެތުން،" ހިނިތުންވުމަކާއެކު މަޖާޒީ ގޮތަކަށް އަފްތާބް ބުންޏެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަކީ ވަރަށް ރަނގަޅު އިންޑަސްޓްރީއެއްކަމަށް އޭނާ ބުންޏެވެ. އަދި އެކްޓަރެއްގެ ހައިސިއްޔަތުން ދުނިޔޭގެ ހުރިހާ ގައުމެއްގެ ފިލްމީ ދާއިރާއަށް ވެސް އިހްތިރާމްކުރާ ކަމަށް އޭނާ ބުންޏެވެ.

"މި ފިލްމަކީ ރަނގަޅު ފިލްމަކަށް ވާނޭކަމާމެދު އަހަރެން ޝައްކެތް ނުކުރަން. އަހަރެން ފިލްމު ބަލާނީ ސަބްޓައިޓަލްސްއާއެކު،" އަފްތާބް ބުންޏެވެ.

އަފްތާބް މީޑިއާތަކާ ވާޙަކަ ދައްކަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ލޯބިވެވިއްޖެ" ފިލްމުގެ މެއިން ރޯލު ތަކުން ފެންނަނީ މި ފިލްމުގެ ޑައިރެކްޓަރު އަދި ދިވެހި ހުނަރުވެރި ބަތަލް ސީޒަން އަލީ، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ އަދި އަހްމަދު އީސާ (އާނަންދު) އެވެ. އަދި މި ފިލްމުގެ ޚާއްސަ ރޯލަކުން ރާއްޖޭގެ މަޝްހޫރު އަދި އެންމެ ހުނަރުވެރި އެކްޓަރު އަހްމަދު ނިމާލް ވެސް މި ފިލްމުން ފެނެއެވެ.

"ލޯބިވެވިއްޖެ" މި ފިލްމަކީ 2019 ވަނަ އަހަރު ޝޫޓް ކުރަން ފެށި ފިލްމެކެވެ. އެހެން ނަމަވެސް ކޮވިޑްގެ ސަބަބުން މި ފިލްމުގެ މަސައްކަތްތަކަށް ލަސްކަމެއް އައިސް ހުއްޓުނު ނަމަވެސް، 2022 ވަނަ އަހަރު މި ފިލްމު ވަނީ އަލުން ރީޝޫޓްކޮށް ނިންމާފައެވެ.

"ލޯބިވެވިއްޖެ"އަކީ ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް މަންޒަރެއް ފެންނަ ފިލްމެކެވެ. މުޅި ފިލްމުގައި ވެސް ސަސްޕެންސް އެކުލެވޭ އެތައް ކަންތައްތަކެއް ވެއެވެ.

comment ކޮމެންޓް