އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު ދެވަނަ މެޗުން ވެސް އެ ޓީމު މޮޅުވެއްޖެއެވެ.
ވަރުގަދަ ސްކޮޑަކާއެކު މި ސީޒަނަށް ނުކުތް މާޒިޔާއިން ލީގުގައި ރޭ ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް އަތުން މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. މާޒިޔާ އިން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވެސް 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފައެވެ.
ރޭ ކުޅުނު މެޗުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ މާޒިޔާއިން ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ މެޗުގެ 16 ވަނަ މިނެޓުގައެވެ. ހަސަން ނަޒީމް (ޗޯޓު) ނަގައިދިން ހުރަހަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް (ހަންނަ) އެވެ.
އެއަށްފަހު ވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން އިތުރު ތިން ގޯލު ޖެހިއެވެ. މާޒިޔާއަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ސަމޫހު އަލީ (ސަމުއްޓޭ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މާޒިޔާއިން ޖެހި ފަސް ވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ޗޯޓު ދިން ބޯޅައަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެ ޓީމުގެ ބިދޭސީ ފޯވަޑް ސްޓެފަން މިހައިލޮވިޗްއެވެ. އެ ގޯލަކީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އޭނާ ޖެހި ގޯލެކެވެ.
ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވެސް ވަނީ އެޓީމު ކުޅުނު ދެވަނަ މެޗުން މޮޅުވެފައެވެ. އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ޔޫވީ އަތުން ސަސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސަސް އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ނަސޫހު ރަޝީދެވެ. އަދި އަނެއް ގޯލު ކާމިޔާބުކޮށްދިނީ އައިހަމް އަހުމަދެވެ.
ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00 ގައި ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، މިރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ކްލަބު ވެލެންސިއާއެވެ.