ސޫދާނުގެ ހަނގުރާމައިގެ ސަބަބުން ހަތަރު ލައްކަ ކުޑަކުދިން މަގުމަތިވެއްޖެ

ހަނގުރާމައިގެ ސަބަބުން ސޫދާނުގެ 450،000 ކުޑަކުދިންގެ ގެދޮރު ގެއްލިއްޖެ-- ފޮޓޯ/ އޭއެފްޕީ

ސޫދާނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ގެދޮރު ދޫކޮށްދާން ޖެހިފައިވާ އާއިލާތަކުގެ ހަތަރު ލައްކައަށް ވުރެ ގިނަ ކުޑަކުދިން މަގުމަތިވެފައިވާ ކަމަށް ޔުނިސެފުން ބުނެފިއެވެ.

ސޫދާންގައި ހަނގުރާމަ ކުރަނީ އެ ގައުމުގެ ސިފައިންނާއި އެގައުމުގެ ތަފާތު އަސްކަރީ ލަޝްކަރެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) އިންނެވެ. ސިފައިންގެ އާމީ ޗީފް އަބްދުލް ފައްތާހު އަލް ބުރުހާން އާއި އާރްއެސްއެފްގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގަލޯގެ ދެމެދުގައި އުފެދުނު ދެބަސްވުންތަކަށް ފަހު އެ ހަނގުރާމަ ފަށާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ޔުނިސެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫދާނުގެ ގާތްގަނޑަކަށް 82،000 ކުޑަކުދިން އަވަށްޓެރި ގައުމުތަކަށް ހިޖުރަކޮށްފައިވާ އިރު، އިތުރު 368،000 އެއްހާ ކުދިން ގެދޮރު ގެއްލި ދާނެ އިތުރު ތަނެއް ނެތި އެ ގައުމުގައި ތާށިވެފައިވާކަމަށެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވީ ސޫދާނުގައި ހިނގަމުންދާ އަނިޔާވެރި ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގެ ކުޑަކުދިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އދ.ގެ ރެފިއުޖީ އެޖެންސީން ބުނެފައިވާގޮތުގައި އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން 164،000 އަށް ވުރެ ގިނަ މީހުން ވަނީ ހިމާޔަތް ހޯދުމަށްޓަކައި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ޗާޑް އާއި މިސްރާއި އިތިއޯޕިއާ އާއި ލީބިޔާ އާއި ދެކުނު ސޫދާނަށް ހިޖުރަކޮށްފައެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ގޮތަށް ހިޖުރަކުރަމުން ދިޔުމާ ގުޅިގެން ޔުނިސެފުން ވަނީ ވިއްސާރަ މޫސުމުގެ ސަބަބުން ބަލިތައް ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ސޫދާނުގައި ހަނގުރާމަ ކުރަމުންދާ ދެ ލަޝްކަރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމާ ބެހޭ ގަވާއިދުތަކެއްގައި ސޮއިކޮށްފައެވެ.

އެ ހަނގުރާމައިގައި މިހާތަނަށް 750އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ސޫދާންގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރި އުމަރް އަލް ބަޝީރުގެ ސަރުކާރު ވައްޓާލީ 2019 ވަނަ އަހަރު ހިންގި އަސްކަރީ ބަގާވާތަކުންނެވެ. އޭގެފަހުން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ އެގައުމުގައި އާއި ބައިނަލްއަގުވާމީ ގޮތުން ވެސް މުހިންމު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއް ކަމަށްވާ އަބްދުﷲ ހަމްދޫކް އެވެ. ނަމަވެސް 2021 ވަނަ އަހަރު އަސްކަރިއްޔާއިން އަނެއްކާވެސް ބަގާވާތްކޮށް، ވެރިކަން ބަދަލުކުރިއެވެ.

ދެ ވަނަ ބަގާވާތަށް ފަހު ވެރިކަން ކުރަމުންދަނީ ސިފައިންގެ އިސް ކޮމާންޑަރެވެ. އޭނާގެ ޑެޕިއުޓީއަށް ހަމަޖެއްސީ އާރްއެސްއެފްގެ އިސް ކޮމާންޑަރެވެ. މިހާރު ހަމަލާ ބަދަލުކުރަމުން ދަނީ އެ ދެ ކޮމާންޑަރުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް