ސިޔާމްގެ ވިޝަނަރީ ވިސްނުންފުޅާ އެކު އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކޮށްދޭނަން: މައުރޫފް

ފުވައްމުލަކުގައި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި މައުރޫފް ވާހަކަދައްކަވަނީ

މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ދުރު ވިސްނުންފުޅާ އެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ ފުވައްމުލަކުގައި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ސިޔާމްގެ ވިޝަނަރީ ވިސްނުމަކީ ކޮންމެ ރައްޔިތަކަށް ވެސް ފުދުންތެރި އުފާވެރި ދިރިއުޅުމެއް ލިބޭނެ ގޮތް މަގުފަހި ކޮށްދިނުން ކަމަށެވެ.

އެމްޑީއޭއިން ވެރިކަމެއް ގެނައުމަށް އަބަދު ވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އަމާން ކަމާއި ސުލްހަ މަސަލަސްކަމަަށް ބެލުމަށް ފަހު ކަމަށާއި ރައީސް ޞާލިޙް ފިޔަވައި ރާއްޖޭގެ ސުލްހަ މަސަލަސްކަން ހިފަހައްޓާނެ އިތުުރު ވެރިޔަކު ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އަދި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް ކާމިޔާބު ވެގެންދާނީ އެމްޑީއޭގެ ބޮޑު ހިއްސާއެއް އޮއްވެގެން ކަމަށާއި، އެ ކަމުގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ތަަރައްގީއާ އުފާވެރިކަން ގެނެސްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދަކު އިތުރު ބޭފުޅެއް ނެތް އަޅުގަނޑު މެންނަށް ފެންނާކަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނޫން. އެ މަނިކުފާނު ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާ މަސައްކަތާ އެކީގައި އަދި އެ މަނިކުފާނު ކޮވިޑުގެ ހާލަތުގައި ރާއްޖެ މެނޭޖުކުރި ގޮތާ ދޭތެރޭގައި ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ސަނާ ކިޔަމުން ދާތީ އަޅުގަނޑުމެން ނިންމީ އެ މަނިކުފާނަށް ދެވަނަ ދައުރެއް ދޭން، އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް

މީގެ އިތުރުން މައުރޫފް ވިދާޅުވީ ކޯލިޝަން މެނިފެސްޓޯއެއް އެކުލަވައިލާއިރު، ފުވައްމުލަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، ކުރިމަތިލާން ޖެހިފައިވާ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އެމްޑީއޭއިން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއިދުކޮށް، އެ ޕާޓީއާ އެކު ކޯލިޝަން ހަދައިފައެވެ.

comment ކޮމެންޓް