ސިޔާމް ވޯލްޑުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕު ފަށައިފި

ސިޔާމް ވޯލްޑު, ރިސޯޓުގައި މިއަދު ހަވީރު ފެށި ލޭ ހަދިޔާކުރުމުގެ ކޭމްޕް --- ސަން ފޮޓޯ

ސިޔާމް ވޯލްޑު, ރިސޯޓުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ހަވީރު ފަށައިފިއެވެ.

މިއީ ސަން ސިޔާމް ރިސޯޓްސްގެ 33ވަނަަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފެށި ލޭ ހަދިޔާކުރުމުގެ އިވެންޓުގެ ދަށުން އެ ރިސޯޓުގައި ފެށި ކޭމްޕެކެެވެ.

މީގެ ކުރިން މި އިވެންޓުގެ ދަށުން މާލެ އާއި ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި ވަނީ ލޭ ހަދިޔާކުރުމުގެ ކޭމްޕު ބާއްވައިފައެވެ.

މި އިވެންޓާ ގުޅިގެން ސަން ސިޔާމް ގުރޫޕް އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހަސަން އާދިލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ މި އިވެންޓު ފުރަަތަމަ ފެށީ އަހަރީ ދުވަހާ ދިމާކޮށް ރިސޯޓުތަކުގައި 2015ވަނަ އަހަރު ކަމަށެވެ. ނަމަަވެސް މިހާރު އެއަށްވުރެ ބޮޑަށް މި އިވެންޓު ފުޅާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަން ސިޔާމް ގުރޫޕަކީ ވެސް ރާއްޖޭގެ ނަންބަރު ވަން އެއް ގުރޫޕު ކަަމަށާއި އެހެންކަމުން ކުރާ ކޮންމެ ކަމެއް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރުމަށް ސަމާލުކަން ދޭ ކަމަށެވެ.

"ލޭ ހަދިޔާކުރުމަކީ ގައުމީ ކަމެއް. އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް އަޅުގަނޑުމެން ކުދިންނަށް ލޭ ފޯރުކޮށްދިނުމަކީ. އަޅުގަނޑުމެން ގުރޫޕެއްވެގެން މިކަން އިނީޝިއޭޓް ނަގައިގެން ކޮށްފިއްޔާ ވަރަށް ފަސޭހައިން ގިނަ އަދަދެއްގެ ލޭ ވަރަށް އަވަހަށް ނެގޭނެ،" އާދިލް ވިދާޅުވިއެވެ.

ސަން ސިޔާމް ގުރޫޕްގެ މުވައްޒަފުންގެ ފަރާތުން ވަނީ ތެލަސީމިއާ ދުވަހާ ގުޅުވައިގެން ލޭ އަޅާ ކުދިންނަށް ވެސް ހަދިޔާ ދީފައެވެ.

މި އިވެންޓުގެ ދަށުން އެކި ދުވަސްތަކަށް ބަހާލައިގެން ޖޫން މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ލޭ ހަދިޔާކުރުން ކުރިއަށް ދާނެއެވެ. އެކި ރިސޯޓުތަކުގައި ކޭމްޕު ބާއްވާނީ އެކި ދުވަހުއެވެ.

ރާއްޖޭގައި ތެލެސީމިއާގެ 940 ރެޖިސްޓާޑް ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން 320 ކުދިން ފަރުވާ ހޯދަނީ މާލޭގައެވެ.

comment ކޮމެންޓް