މަތިންދާ ބޯޓަކަށް ނާރާ، 9 އަހަރުން 203 ޤައުމަށް: ''ވަންސް އަޕޯން އަ ސާގާ'' ފަހު މަންޒިލަކަށް ދިވެހިރާއްޖެ!

ދެހާސް ތޭރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:10 ގައި ޑެންމާކުން ދަތުރު ފަށައިގެން ދުނިޔޭގެ 203 ޤައުމަށް އެއްގަމުންނާއި ކަނޑުމަގުން، މަތިންދާ ބޯޓަކަށް ނާރާ ދިޔުމަށް ތޯރް ޕެޑަސަން ފަށާފައިވާ ދަތުރަކީ މިހާތަނަށް ދުނިޔޭގެ އެއްވެސް މީހަކު ކުރަން ކުރިމަތިލާފައިވާ ދަތުރެއް ނޫނެވެ.

މިހާތަނަށް ނުވަ އަހަރާއި ހަތް މަސް ދުވަސް ހޭދަވެފައިވާ މި ދަތުރަކީ ދުނިޔޭގެ ރެކޯޑެއް ހެދުމަށް އިންސާނަކު އެންމެ ދިގު މުއްދަތަކަށް މަސައްކަތްކުރި ރެކޯޑަށް ވެސް ވާނެއެވެ. ތޯރްގެ މި އާދަޔާޚިލާފު ދިގު ދަތުރުގެ 202 ވަނަ މަންޒިލަކީ ސްރީ ލަންކާއެވެ. މިވަގުތު އޭނާ ހުރީ އެ ޤައުމުގައެވެ. ދުވިސައްތަ ތިން ވަނަ އަދި އެންމެ ފަހު މަންޒިލަކީ ދިވެހިރާއްޖެއެވެ. "ވަންސް އަޕޯން އަ ސާގާ" ގެ ނަންދީފައިވާ މި އާދަޔާޚިލާފު ދިގު ދަތުރު ނިންމުމަށް ވަރަށް އަވަހަށް އޭނާ ކަނޑުމަގުން ރާއްޖެ އަންނާނެއެވެ.

ދުވާލަކަށް އެންމެ 20 ޑޮލަރުކަމަށް ބަޖެޓް ކޮށްގެން މި ދަތުރުތައް ތޯރް ފެށީ ގިނަވެގެން 4 އަހަރު ދުވަހުން ނިންމޭނެކަމަށް އަންދާޒާކޮށްފައެވެ. ޑެންމާކްގެ ދެ ކުންފުންޏަކުން އެވަރަށް އޭނާ އަށް ސްޕޮންސަރޝިޕް ވެސް ލިބިގެންނެވެ. ނަމަވެސް ޤައުމުތަކުގެ ވިސާގެ މައްސަލަތަކާއި ކަނޑު މަގުން ކުރަން ޖެހުނު އުނދަގޫ ދަތުރުތަކާއި ކޯވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ބަންދުވުމުގެ ސަބަބުން މިހާރު މި ދަތުރު ނިންމާލެވެނީ ނުވަ އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވިފަހުންނެވެ. އެހެންކަމުން ދަތުރަށް ބޭނުންވާ ފައިސާ ހޯދުމަށް އޭނާ ދުނިޔޭގެ އެހީތެރިކަމަށް އެދެންޖެހުނެވެ.

އޭނާގެ މި ދަތުރު ފޮލޯކުރާ މީހުން އޭނާއަށް ފައިސާ ފޮނުވަން ފެށިއެވެ. އަދި އެކި މަސައްކަތް ކޮށްގެންނާއި، ދަތުރާ ގުޅޭ ޓީޝާޓް ވިއްކައިގެންނާއި މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ވިއްކައިގެން ވެސް ތޯރް ބޭނުންވީ 203 މަންޒިލަށް އޭނާ އަމާޒުކުރި ދަތުރު ނިންމާށެވެ. މިހާރު ފައިސާ ހޯދަނީ މިގޮތަށެވެ.

ތޯރްގެ މި ދަތުރުގައި އެންމެ ދިގު މުއްދަތަކަށް އެއް ރަށެއްގައި މަޑުކުރަން ޖެހުނީ ހޮންގްކޮންގް ގައެވެ. އެއީ ކޯވިޑް ބަލިމަޑުކަމުގައި އެ ޤައުމު ބަންދުކުރުމާ ގުޅިގެން 2 އަހަރު ދުވަހަށެވެ. އެ މުއްދަތުގައި އޭނާ އެތަނުގައި ވަޒީފާ ވެސް އަދާކުރިއެވެ. ތޯރްގެ ލޯބިވެރިޔާ އާ ކައިވެނިކުރީ ވެސް އެ މުއްދަތުގެ ތެރޭގައި އޮންލައިންކޮށެވެ. މީގެ އިތުރުން، ވިސާ ނުލިބިގެން ލެބަނަންގައި 200 ދުވަހު މަޑުކުރަން ޖެހުނު ކަމުގައި ތޯރް ބުނެފައި ވެއެވެ.

މަތިންދާ ބޯޓަކަށް ނާރާ މުޅިންވެސް އެއްގަމާއި ކަނޑުމަގުން ކުރާ މި ދަތުރު ތަކުގައި، ޚަރަދު ވީހާވެސް ކުޑަކުރުމަށް ތޯރް ޢާންމުކޮށް ބޭނުންކުރަނީ ރޭލާއި ބަހާއި ކޮންޓޭނަރު އުފުލާ އާގުބޯޓު ފަހަރެވެ. ކޮންޓޭނަރު ބޯޓުފަހަރުގެ ދަތުރުތައް ހުންނަގޮތުން ވަރަށް ކައިރި މަންޒިލަކަށް ދިޔުމަށް ދުރު މަންޒިލަކަށް ގޮސް އެހެން ބޯޓަކަށް އަރައިގެން ދަތުރުކުރަން ޖެހޭފަހަރު ގިނަކަމަށް ތޯރް ބުނެފައި ވެއެވެ. މިސާލަކަށް ސްރީލަންކާއަށް އޭނާ އައީ ޓުވާލޫގައި ހުރެފައި ކަނޑު ބޯޓަކުންނެވެ. މި މަހު އޭނާ ރާއްޖެ އައުމަށް ބޭނުންކުރާނީ ވެސް ރާއްޖެއަށް މުދާ ހިފައިގެން އަންނަ އާގުބޯޓެކެވެ.

ފާއިތުވި ނުވަ އަހަރުގެ ތެރޭގައި ތޯރް ކުރަމުންދާ މި ދަތުރުތަކުގެ ތަފްޞީލް އޭނާގެ ބްލޮގާއި ސޯޝަލް މީޑިއާގެ މަންސަތަކުގައި ދަނީ ގެނެސްދެމުންނެވެ. ދުނިޔޭގެ ނަން މަޝްހޫރު ހުރިހާ ނޫހަކާއި ޓީވީތަކުން އޭނާގެ މި އާދަޔާ ޚިލާފު ދަތުރާ ބެހޭ ޚަބަރުތަކާއި އިންޓަރވިއުތައް ގެނެސްދީފައި ވެއެވެ.

ހަތަރު އަހަރު ތެރޭގައި ނިންމުމަށް ފެށި ދަތުރަށް ނުވަ އަހަރަށް ވުރެ ދިގު މުއްދަތެއް ނެގި އިރުވެސް ތޯރްގެ ހިތްވަރަކަށް، އަޒުމަކަށް ބަދަލެއް ނާދެއެވެ. ތޯރްގެ ޢުމުރުން 36 އަހަރުގައި ފެށި މި ދަތުރު ނިންމާލާއިރު އޭނާގެ ޢުމުރުން 45 އަހަރު ފުރިހަމަވާނެއެވެ. ދުނިޔޭގެ ރެކޯޑެއް ޤާއިމްކުރާ މި އާދަޔާ ޚިލާފު ދަތުރު ނިންމުމަށް ތޯރް ދިވެހިރާއްޖެއަށް ދާދި އަވަހަށް އަންނާނެއެވެ. މިއީ ރާއްޖެއަށް ލިބޭނެ ބޮޑު ޝަރަފެކެވެ.

މަތިންދާ ބޯޓަކަށް ނާރާ، ހަމައެކަނި އެއްގަމުންނާއި ކަނޑުމަގުން ދުނިޔޭގެ 203 ޤައުމަށް ދިޔުމަށް ކުރިމަތިލާނެ މީހަކު ދެން ނުފެނިދާނެއެވެ. އެވަރުގެ ޤުރްބާނީ އަކާއި ހިތްވަރު ކޮށްފާނެ މީހުން ހަމަގައިމު ވެސް ވަރަށް މަދުވާނެއެވެ. އަމިއްލަ ޤައުމާއި ޢާއިލާ އާ ދުރުގައި ނުވަ އަހަރު އުޅެފައި ތޯރް ރާއްޖެ އެ އަންނަނީ އޭނާ ދުށް ހުވަފެނާއި ކުރި އުއްމީދު މުޅިން ފުރިހަމަކުރުމަށެވެ. ރާއްޖެއިން ތޯރް ޕެޑަސަން އަށް ހޫނު މަރްޙަބާއެއް ކިޔާނެކަން ޔަޤީނެވެ. އިންތިޒާރުގައި އެބަތިބީމެވެ.

comment ކޮމެންޓް