މެޑިކަލް އޮފިސަރުން ޚާއްސަވުމަށް ޔުނިވާސަލް ފައުންޑޭޝަނުން ސްކޮލާޝިޕެއް ހުޅުވާލައިފި

މީގެ ކުރިން ޔުނިވާސަލް ފައުންޑޭޝަނުން ހުޅުވާލި ތައުލީމީ ޕްރޮގްރާމަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ޔުނިވާސަލް ފައުންޑޭޝަން

މެޑިކަލް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރެއިން ވަކި ދާއިރާއަކުން ކުރިއަށްދާން ބޭނުންވާ މީހުންނަށް ޚާއްސަ ސްކޮލާޝިޕެއް ޔުނިވާސަލް ފައުންޑޭޝަނުން ހުޅުވާލައިފިއެވެ.

ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވަކި ދާއިރާއަކުން ކުރިއަށްދިއުމަށް ޔުނިވާސަލް ފައުންޑޭޝަނުން ހުޅުވާލި މި ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް ކުރުމަށް ނިންމާފައިވަނީ އެ ފައުންޑޭޝަނުންނެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ވަނީ، "މެޑިކަލް ސްޕެޝަލައިޒޭޝަން ސްކޮލާޝިޕް" ގެ ތިން ފުރުސަތު ހުޅުވާލާފައެވެ. މިއީ ޕޯސްޓް ގްރެޖުއޭޓް ލެވެލްގެ ސްކޮލާޝިޕެކެވެ. ޔުނިވަރސަލްއިން ބުނީ ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން މިއަހަރުގެ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ތައުލީމް ހާސިލުކުރަން އެދޭ ޔުނިވަރސިޓީއަކީ، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް، ފިލިޕީންސް، ބަންގްލަދޭޝް، އިންޑިއާ، އަދި ސްރީލަންކާ، މި ޤައުމުތަކުގައި ހުންނަ ޔުނިވަރސިޓީއަކަށް ވާންޖެހެއެވެ.

ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ބައެއް ޝަރުތުތައް:

  • ދިވެއްސެއްކަމުގައިވުން
  • ތައުލީމް ހާސިލްކުރަން އެދޭ ދާއިރާއަކީ ސިއްހީ ދާއިރާކަމުގައިވުން
  • ޔުނިވަރސިޓީއަށް ވަނުމުގެ ޖާގަ ލިބުނުކަން އަންގައިދޭ ލިޔުން އޮތުން
  • އެމްބީބީއެސް ފުރިހަމަ ކުރުމަށްފަހު މަދުވެގެން ރާއްޖޭގައި ދެއަހަރު މަސައްކަތްކޮށްފައިވުން
  • ކޯސް ފުރިހަމަ ކުރުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ މަތިން ރާއްޖޭގައި މަސައްކަތްކުރުން
  • އިންޓަވިއުން ފާސްވުން

ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު މިހާރު ޔުނިވާސަލް ފައުންޑޭޝަނުގެ ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެއެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ވަނީ، އެ ފައުންޑޭޝަނަށް ނިސްބަތްވާ ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައިވެސް ސްކޮލާޝިޕެއް ހުޅުވާލާފައެވެ.

މި ސްކޮލާޝިޕް ހުޅުވާލާފައިވަނީ، ރާއްޖޭން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށެވެ. އެގޮތުން، ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަކުރާނީ އިނގިރޭސިވިލާތުގެ މެޑިކަލް ޔުނިވާސިޓީތަކުގެ ތެރެއިން ކޮންމެވެސް އެއް ޔުނިވާސިޓީއެއްގައެވެ.

ޔުނިވާސަލް ފައުންޑޭޝަނަކީ ދިވެހި ރައްޔިތުންގެ ސިއްހީ ފަރުވާ އާއި ތައުލީމާއި، އިޖުތިމާއީ އަދި އިންސާނީ ތަރައްގީއަށް ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފައުންޑޭޝަނެކެވެ.

ޔުނިވާސަލް ފައުންޑޭޝަނުން މިހާތަނަށް 100 އަށްވުރެ ގިނަ ތައުލީމީ ސްކޮލާޝިޕް ފުރުސަތު ދީފައިވާކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

comment ކޮމެންޓް