އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަ ވާތީއެވެ.
މެމްބަރު ކަމަށް އެދި ކުރިމަތި ލުމުގެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 1:30 ގެ ނިޔަލަށް ރައީސް އޮފީހުންނެވެ.
ފޯމާ އެކު ލހުށަހަޅަން ޖެހޭ ލިޔުންތައް:
- މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު
- މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު
- ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު
- ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި ވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ޖެހޭ ފޯމު
- ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
އީސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރާ ނުވަތަ އައްޔަންކުރާ ސިޔާސީ މަގާމެއް ފުރަމުން އަންނަ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.