މުޖުތަމައުން ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާތައް އިތުރުވުމަކީ ކަންބޮޑުވުމެއް: ސިޔާމް

ކުޑަކުދިންނަށް މުޖުތަމައުގެ ތެރެއިން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދުވަހެއް ދުވަހަކަށް އިތުރުވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް، މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ވަނީ ތަހުނިޔާގެ ޚިތާބެއް ފޮނުއްވާފައެވެ.

އެ ޚިތާބުގައި އޭނާ ވިދާޅުވީ ކޮންމެ މުޖުތަމައެއްގައި ވެސް ކުޑަކުދިންނަކީ މުހިންމު ބައެއް ކަމަށެވެ. އެއީ ގައުމުގެ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑުކަމަށް ވެސް ވިދާޅުވިއެވެ.

އެހެންވެ، އަދުގެ ކުޑަކުދިން ރައްކާތެރިކަމާއެކު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުސްތަގުބަލަށް ޓަކައި ކުރަން ޖެހޭ ގައުމީ މަސައްކަތެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް މުޖުތަމައުގެ ތެރެއިން ކުރާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް އިތުރުވުމަކީ ނުުހަނު ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިހާރަށްވުރެ ސީރިއަސް ގޮތެއްގައި ބަލައި، އެފަދަ ހަޑިމުޑުދާރު ކުށްތައް ކުރާ މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭން ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.

"ކުޑަކުދިން ރައްކާތެރިކުރުމަށް އެޅިފައިހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަކީ ވެސް މުޅި މުޖުތަމައު އެކައްޗެއް ކިޔައިގެން މި ހިނދުން މި ހިނދަށް ކުރަން ޖެހިފައިވާ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.

ދިވެހި ކުޑަކުދިންނަކީ އިސްލާމްދީނަށް ލޯބިކުރާ، ދިވެހިބަހުގެ އަސާސްތަކުގައި ހިފަހައްޓާ ރިވެތި އަހްލާގުގެ ސިފަތަކުން ޖަރީވެފައިވާ ކުދިންތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވައިފައެވެ.

comment ކޮމެންޓް