ރައީސްގެ ސެކިއުރިޓީ ފެއިލްވުމުގައި އަބްދުﷲގެ އިހުމާލެއް ނެތް: އެމްއެންޑީއެފް

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރި އޮފިސަރު އަބްދުﷲ އިބްރާހިމް --- ސަން ފޮޓޯ: އަވްޝަން އިލްޔާސް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅީ ސަލާމަތީ ކަންކަން ފެއިލްވުމުން ކަމަށް ބެލެވޭތީ، އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާކަމުގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރި ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމްގެ އެއްވެސް އިހުމާލެއް އެ ކަމުގައި ނެތް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރެޒިޑެންޝަލް ގާޑްސް ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި އަބްދުﷲ މާޗު މަހުގެ 21 ވަނަ ދުވަހު މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކުރީ ކަމަށެވެ.

އެއީ ސިފައިންގެ ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން މުވައްޒަފުން ވަޒީފާއިން ސަސްޕެންޑުކުރުމާ ބެހޭ މާއްދާގެ ދަށުން އަޅައިފައިވާ ފިޔަވަޅެއް ނޫންކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން މިހެން ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރި އިރު ކާނަލް ރޭންކުގައި ހުންނެވި އަބްދުﷲއަށް ޕްރޮމޯޝަން ދިންކަމަށް ނޫސްތަކުން ރިޕޯޓްކުރި އިރު އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް ޖެހުމުންނެވެ. އަބްދުﷲ ޕްރޮމޯޓްކުރީ ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެ ގޮތަށް ކޮމާންޑަރުން އަދާކުރައްވާ ޒިންމާއާއި މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެކަހެރިކުރަނީ އެ ފަދަ ކަންކަމުގައި އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ހިންގުމަށް ކަމަށެވެ.

މިދިޔަ މާޗު މަހު ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް ޞާލިހްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ވެސް އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އެ ކޮމިޓީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އެންމެ އިސް އޮފިސަރުން ހާޒިރުކޮށް ސުވާލު ވެސް ކުރިއެވެ. ނަމަވެސް އެ ކޮމިޓީތައް ސިއްރުކޮށްފައިވާތީ ތަފްސީލެއް ނޭނގެއެވެ.

comment ކޮމެންޓް