ނަފްސާނީ ބަލިމަޑުކަން ތަހައްމަލްކުރަމުންދާ މީހުންނަށް ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ހެލްތު މިނިސްޓްރީން އެ މަސައްކަތަށް ހާއްސަ ޑިޕާޓްމަންޓެއް ގާއިމްކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް، ހާޒިރުވެވަޑައިގެން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލައް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބައްޔަކީ މިހާރު ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމެއް ކަމަށެވެ. އަދި އެފަދަ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ހެލްތު މިނިސްޓްރީގައި ނަފްސާނީ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓެއް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ނަފްސާނީ ބައްޔަކީ މުޅި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކާއި އާންމު ރައްޔިތުންގެ ވަރަށް ބޮޑު ހޭލުންތެރި ކަމެއް އައިސްގެން ނޫނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ކުރިއަށް ނުގެންދެވޭނެ ކަމެއް. ހަމައެކަނި ހެލްތު މިނިސްޓްރީއަކުން އަޅުގަނޑުމެންނަށް ނަފްސާނީ ބަލިތަކެއް ފިލުވައެއް ނުދެވޭނެ މިތާކުންނެއް." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
އަދި، މި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ގާތްގަނޑަކަށް 25 މުއައްސަސާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާލުވިއެވެ.
ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅަކަށް ވީހިނދު، މިސަރުކާރުން 2019 ވަނަ އަހަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކޮށްފައެވެ.
މީގެއިތުރުން، މިއަހަރުގެ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު ހުޅުމާލޭ ހޮސްޕިޓަލްގައިވެސް ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.
މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ނަފްސާނީ ބަލިތަކަށް ހާއްސަކޮށް ހެލްތް މިނިސްޓްރީގައި ހުރީ އެންމެ މުވައްޒަފެކެވެ. މިހާރު އެ އަދަދު ހަތަރަކަށް ވަނީ އިތުރު ކޮށްފައެވެ. ޑިޕާޓްމަންޓެއް ހެދުމާއެކު އެކަން އިތުރަށް ފުޅާވެގެން ދާނެއެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކިޔޫގައި ތިބޭ މީހުންގެ އަދަދު މީގެކުރިން ހާހުން މައްޗަށް ގޮސްފައިވީނަމަވެސް އެއަދަދު މިހާރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.