ނަފްސާނީ ސިއްހަތަކީ އާންމު ސިއްހަތާއި ސިއްހީ ނިޒާމަށް ބޮޑު ގޮންޖެހުމަކަށްވުމުގެ އިތުރުން، އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމާ ގުޅިލާމެހިފައިވާ މައްސަލައެކެވެ.
ނަފްސާނީ ބަލިތައް ތަހައްމަލްކުރާ މީހުންނާއި ބަލިމަޑުކަމުގެ ސަބަބުން ނުކުޅެދުންތެރިކަމަށް ހުށަހެޅޭ ފަރާތްތަކާއި އަދި އެފަދަ ބަލިތަކުގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ނިސްބަތުގައި ކޮންމެ އަށް މީހަކުން އެކަކީ ނަފުސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ.
ރާއްޖޭގައި ވެސް ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން އިތުރުވަމުން ދާއިރު އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގައި ކޮށްފައިވާ ޑަބްލިއުއެޗްއޯގެ "ސްޓެޕްސް ސާވޭ އޮން ރިސްކް ފެކްޓާސް ފޯ ނޮންކޮމިއުކަބަލް ޑިޒީސަސް" އިން ދައްކާގޮތުގައި ރާއްޖޭގައި ގާތްގަނޑަކަށް ކޮންމެ ފަސް މީހަކުން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްކުރެވިފައިވާ މީހެއް ކަމަށެވެ.
ނަފްސާނީ ސިއްހަތަށް ދިމާވެފައިވާ ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމަށް ރެޕިޑް އެސެސްމެންޓެއް މިއަހަރު ހެދިފައިވާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ އެ އެސެސްމަންޓުން ފާހަގަވި މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށް ގައުމީ ފެންވަރުގައި ތަންފީޒު ކުރުމަށް ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް އިއްޔެ ފަށާފައިވާ ކަމަށެވެ.
އެ ކޭމްޕޭން ހިންގުމުގެ ބޭނުމަކީ ފަރުދުންނާއި މުޖްތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކާމެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް ތަފާތުކުރުން ނައްތާލުމަށް މަސައްކަތްކުރުން ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
އެގޮތުން ނަފްސާނީ ސިއްހަތުގެ ކޮމިނިއުކޭޝަން ސްޓްރެޓެޖީ އަދި ކެމްޕޭން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފައެވެ. އެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ވަނީ ބައިވެރިވެވަޑައިންފައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ކެމްޕޭނުގެ އެހީގައި ފަރުދުންގެ ގާބިލުކަން އިތުރުކޮށް ކުރިމަތިވާ އުނދަގޫ އިހްސާސްތައް ތަހައްމަލުކުރަން ދެނެގަނެ އެކަންކަމުން އަރައިގަތުމުގެ ގާބިލްކަން އުފެއްދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަމިއްލަ ނަފްސަށް އަޅާލުމަށް ކުރަންޖެހޭ ކަންކަން އެނގި އެކަން ކުރެވޭނެ ގާބިލުކަން ފަރުދުންގެ މެދުގައި އުފެއްދުމާއި ނަފްސާނީ ކަންކަމަށް ހޭލުންތެރި، ބާރުވެރި އަދި އަޅާލާ މުޖުތަމައުއެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ވިސްނުމުގެ ތަފާތު ހުރިނަމަވެސް އެކަކު އަނެކަކު ބަލައިގަނެ، އަޅާލާ ޒިންމާދާރު މުޖްތަމަޢެއް އުފެއްދުމަކީ އެ ކެމްޕޭނުގެ އަމާޒެއްކަން ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކެމްޕޭނެއް ކަމަށެވެ. އަދި އެ ކެމްޕޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެއް ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
އެ ކެމްޕެއިން ލޯންޗުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް އެކަމަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހޭނެ ދުވަސް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.
އިޖްތިމާޢީ ގޮތުންނާއި ޖިސްމާނީ ދުޅަހެޔޮކަމާ އެއްގޮތަށް ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މުހިންމުކަން ދީގެން ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަންޕްލޭނާއި ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި ނަފްސާނީ ސިއްހަތު ހިމަނާފައިވާ ކަން ސަރުކާރުން ވެސް ފާހަގަކުރެއެވެ.
އެގޮތުން ނަފްސާނީ ސިއްހީ ޚިދުމަތްތައް ގާއިމުކުރުމަށް ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ސާވިސަސް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށް އެ ޕްލޭންގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އަހުލުވެރި މުޖުތަމައުއެއް އުފެއްދުމުގެ މަގުސަދުގައި ގައުމީ ފެންވަރުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖީގެ މުހިންމުކަން ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
ނަފްސާނީ ބަލިތަކަކީ ފަރުވާ ކުރުމަށްޓަކައި ދިގުމުއްދަތަކަށް ބޮޑު ހޭދައެއްކުރަން ޖެހޭ ބަލިތަކެކެވެ. ދުނިޔޭގެ ނިސްބަތުގައި، އެ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ކުރިމަތިވާ ސިއްހީ ގޮންޖެހުންތަކުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ބުރޫއަރައެވެ. އަދި އެ ބަލިތަކަށް ފަރުވާ ހޯދުމަށް އަހަރަކު ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުން ގިނަވުމަކީ މުޅި ގައުމުގެ އުފެއްދުންތެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.