ޝިރުވީންއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ހުޅުވާލައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސިބީ) ގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިރުވީންއާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ހުޅުވާލައިފިއެވެ.

ދައުލަތުގެ ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތީން އެ މަގާމަށް ޝިރުވީން އައްޔަން ކޮށްދިނުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. ޝިރުވީންއަށް ރުހުން ހޯދުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައެވެ.

ޝިރުވީންއާއި ގުޅޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތްނަމަ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަމްބަރެއް އެނގޭނެހެން ޝަކުވާ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ޝަކުވާ ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން ވަނީ ހުޅުވާލާފައެވެ.

ޕިސީބީއަށް އައްޔަން ކުރެއްވުމާ ހަމައަށް ޝިރުވީން މަސައްކަތް ކުރައްވާފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ)ގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލްކުރައްވާފައެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސް އާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ. ޕީސީބީއަށް މެމްބަރުން އައްޔަންކުރަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

comment ކޮމެންޓް