މަސްވެރިކަމުގެ އުކުޅުތަކެއް ދަސްކުރުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

ޖަޕާނަށް ދިޔަ ދިވެހި މަސްވެރިންގެ ޓީމުގެ ބައެއް ބައިވެރިން --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓްރީ އާއި ޖަޕާނު އިންޓަނޭޝަނަލް އެޖެންސީ (ޖައިކާ) ގުޅިގެން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީކުރުމަށް ދިވެހި މަސްވެރިންގެ ޓީމެއް އެ ގައުމަށް މިއަދު ފުރައިފިއެވެ.

ދިވެހި ހަ މަސްވެރިއަކު 20 ދުވަހަށް ޖަޕާނަށް ކުރާ ދަތުރުގައި، މަސްވިއްކުމުގައި ޖަޕާނުގައި އަމަލުކުރަމުންދާ ގޮތްތައް ބަލައި އެ ގައުމުގެ މަސްވެރިކަން މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

'ދަ ޕްރޮޖެކްޓް ފޯ ދަ ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓާ' ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތުގައި ދިވެހި މަސްވެރިން ދޮށީގައި އަދި އަތުނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ކޮލިޓީ ރަނގަޅުކުރުމަށާއި، އެންވެރިކަމުގައި ދިމާވާ ބައެއް މައްސަލަތަކަށް ޙައްލު ހޯދުމަށާއި އަދި ރަށު ފެންވަރުގައި މަހާއި މަހުގެ އުފެއްދުން ތައްޔާރުކުރަމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރާނެ ގޮތުގެ އުކުޅުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާނަށް ދިޔަ ދިވެހި މަސްވެރިންގެ ޓީމުގެ ބައެއް ބައިވެރިން --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގައި ކޮންމެ އަހަރަކު ވެސް ދިވެހި މަސްވެރިންގެ ޓީމްތައް ޖަޕާނަށް ދިއުމަށް ހަމަޖެހިފައިވާއިރު ދޮށީގެ މަސްވެރިކަން ކުރުމުގައި އެން މަރުވާ ނިސްބަތް މަދުކުރުމަށް އެންވަތުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ހިނގަމުންދެއެވެ.

އަތުނަނުގެ މަސްވެރިކަމުގައި ބާނާ ބޮޑުކަންނެލީގެ ކޮލެޓީ ރަނގަޅުކޮށް ކަންނެލި ރިޖެކްޓް ވާ މިންވަރު މަދުކުރުމަށް ޖަޕާނުގެ މަސްވެރިން ބޭނުންކުރަމުންދާ އުކުޅުތައް ބޭނުންކޮށްގެން ބޮޑުކަންނެލީގެ ކޮލެޓީ ރަނގަޅުކުރުމަށް ހިންގާ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެނި އެމަސައްކަތް ރާއްޖޭގެ ހުރިހާ އުޅަނދަކަށް ފުޅާކުރުމުގެ މަސައްކަތްވެސް މިހާރު ހިނގަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ދެން މި ދަތުރުގައި ބައިވެރިވަނީ ގދ. މަޑަވެލި 'ކަމަނަ ދޯނި', އދ. މަހިބަދޫ އަސުރުމާ 3, އަސުރުމާ 2, އަސަރީ ދޯނި, ޒޫމް ފިޝާ އަދި ބ. ތުޅާދޫ ހައިޝަމް ދޯނީގެ މަސްވެރިންނެވެ.

comment ކޮމެންޓް