މަހުގެ އަގަށް ގެނައި ބަދަލާއެކު، ކިރާ މަހަށް ފައިސާ ދޫކުރެވޭނީ ދެ ހަފުތާތެރޭ

މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް -- ސަން ފޮޓޯ/ މޫސާ ނަދީމް

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސް ގަންނަނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށް އިއްޔެ ނިންމާ ގެނައި ބަދަލާއެކު، މަސްވެރިން ކިރާ މަހަށް ފައިސާ ދޫކުރެވޭނީ ދެ ހަފުތާތެރޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޭން ވައުދުވެފައިވީ ނަމަވެސް، ސަރުކާރުގެ މާލީ ހާލަތާއި މިފްކޯގެ ހާލަތަށް ބަލާ އެ ވައުދު ފުއްދެން އަދި ނެތް ކަމަށެވެ.

https://sun.mv/193778

މިވަގުތު މިފްކޯގެ މާލީ ހާލަތު ދަށްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދެވޭނީ މިފްކޯގެ ކޭޝް ފްލޯއެއް އޮވެގެން ކަމަށެވެ.

މަހުގެ އަގަށް އިއްޔެ ގެނައި ބަދަލާ ގުޅިގެން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މަހުގެ އަގަށް ބަދަލު ގެނައީ ސަރުކާރުގެ މާލީ ހާލަތު ދަށްވުމާއި ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިންގެ އަތުން މަސް ގަތުމަށް ކަމަށެވެ.

"20 ރުފިޔާއަށް މަސް ގަންނަކަމަށް ވަންޏާ ނުވަތަ 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ބަހައްޓާކަމަށް ވަންޔާ ވަރަށް އަވަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ. އެ ބަދަލުތަކަކީ އިމީޑިއޭޓްލީ ގެނެވޭ ބަދަލުތަކަކަށް ނުވާތީއާ ވެސް އެކީގައި އަނެއްކާ މި މާލީ އުނދަގުލުގައި ސަރުކާރު އޮތީމައާ އެކީގައި 20 ރުފިޔާއަށް މިފްކޯއިން މަސްގަންނަ ކަމުގައިވާ ނަމަވެސް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ވެސް މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަބްސިޑީއަށް ބޮޑު ހޭދައެއް ކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން 20 ރުފިޔާއަށް މަސް ގަންނަ ކަމަށްވާ ނަމަވެސް އަހަރެއްގެ މައްޗަށް 560 މިލިއަން ރުފިޔާ ދައުލަތުން މިފްކޯއަށް ދޭން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމައި 560 ރުފިޔާ ދިނުމަކީ މިއީ އާމުދަނީ ހުރިގޮތުންނާ އެކީގައި، އަދި ދައުލަތުން ކުރަންޖެހޭ ހޭދައިގެ ތެރޭގައި ލޯން ރިޕޭމެންޓްތަކާ އެއްޗެހި ހުރުމުން މިއީ އުނދަގޫ އަދަދަކަށް ވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަގްވާމީ މާކެޓާ ނުބައްދަލު އަގެއްގައި މަސް ވިއްކާތީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް ގޮންޖެހުން ކުރިމަތިވި ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ތެރޭގައި ވަނީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު އޭރު އޮތް ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރަން ނިންމިއެވެ.

comment ކޮމެންޓް