ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޕާސްޕޯޓް ޚިދުމަތަށް ބާރުބޮޑުވެއްޖެ

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

ޕާސްޕޯޓް ހައްދަން ހުށަހަޅާ މީހުންގެ އަދަދު ސްކޫލް ޗުއްޓީއާ ދިމާކޮށް ބޮޑުތަނުން އިތުރުވެއްޖެއެެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިސަރު މިފްތާހް މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ އެޕްލިކޭޝަންތަކުގައި އަަދަދުތައް މި ދުވަސްވަރު ވަރަށް ގިނަކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

"ދުވާލެއްގެ މައްޗަށް 300އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބޭ،" މިފްތާހް ވިދާޅުވިއެވެ.

އެޕްލިކޭޝަން ގިނަވި ނަމަވެސް އަދި އިމިގްރޭޝަންގެ ޚިދުމަތް ދޭން ނިންމައިފައިވަނީ ހަމައެކަނި ރަސްމީ ގަޑީގައެވެ.

މިދިޔަ ހަފުތާއިން ފެށިގެން ޕާސްޕޯޓް ހައްދާ މިންވަރު އިތުރުވެފައިވާއިރު އާއްމުކޮށް އެ ތަނުން ދޫކުރަނީ 160އެއްހާ ޕާސްޕޯޓެވެ. ނަމަވެސް މިހާރު 280އަށްވުރެ ގިނަ ޕާސްޕޯޓް ދޫކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޮޑު ޗުއްޓީގައި ވެސް ޕާސްޕޯޓު ޚިދުމަތަށް ބާރު ބޮޑުވެ ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް ހަދަން ވެސް ހުށަހެޅިއެވެ.

މިދިޔަ އަހަރު މާ ބޮޑަށް ބާރުބޮޑުވެ، އިމިގްރޭޝަނުން ވަނީ އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި ވެސް ޚިދުމަތްދީފައެވެ.

comment ކޮމެންޓް