ސަންސިޔާމް އޮޅުވެލީގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

ސަންސިޔާމް އޮޅުވެލި މޯލްޑިވްސްގައި ބްލަޑް ޑޮނޭޝަން ކޭމްޕު ފެށުން -- ސަން ފޮޓޯ

ސަންސިޔާމް އޮޅުވެލި މޯލްޑިވްސް ރިސޯޓުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފިއެވެ.

މިއީ ސަން ސިޔާމް ރިސޯޓްސްގެ 33 ވަނަަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފެށި ލޭ ހަދިޔާކުރުމުގެ އިވެންޓުގެ ދަށުން އެ ރިސޯޓުގައި ފެށި ކޭމްޕެކެެވެ.

ސަންސިޔާމް ގުރޫޕް އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހަސަން އާދިލް މިއަދު "ސަން" އަށް ވިދާޅުވީ އެ ރިސޯޓުން 175އެއްހާ މުވައްޒަފުން ރަޖިސްޓާކޮށްފައިވާ ކަމަށެވެ. އަދި މިއަދު 150އެއްހާ މުވައްޒަފުން ކަވާ ކޮށްލެވޭނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަންސިޔާމް އޮޅުވެލި މޯލްޑިވްސްގައި ލޭ ހަދިޔާކުރަނީ -- ސަން ފޮޓޯ

އާދިލް ވިދާލުވީ މި އިވެންޓު ފުރަަތަމަ ފެށީ އަހަރީ ދުވަހާ ދިމާކޮށް ރިސޯޓުތަކުގައި 2015ވަނަ އަހަރު ކަމަށެވެ. ނަމަަވެސް މިހާރު އެއަށްވުރެ ބޮޑަށް މި އިވެންޓު ފުޅާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަންސިޔާމް ގުރޫޕަކީ ވެސް ރާއްޖޭގެ ނަންބަރު ވަން އެއް ގުރޫޕުކަަމަށާއި އެހެންކަމުން ކުރާ ކޮންމެ ކަމެއް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރުމަށް ސަމާލުކަން ދޭ ކަމަށެވެ.

"ލޭ ހަދިޔާކުރުމަކީ ގައުމީ ކަމެއް. އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް އަޅުގަނޑުމެން ކުދިންނަށް ލޭ ފޯރުކޮށްދިނުމަކީ. އަޅުގަނޑުމެން ގުރޫޕެއްވެގެން މިކަން އިނީޝިއޭޓް ނަގައިގެން ކޮށްފިއްޔާ ވަރަށް ފަސޭހައިން ގިނަ އަދަދެއްގެ ލޭ ވަރަށް އަވަހަށް ނެގޭނެ،" އާދިލް ވިދާޅުވިއެވެ.

ސަންސިޔާމް ގުރޫޕްގެ މުވައްޒަފުންގެ ފަރާތުން މިއަދު ވަނީ ތެލަސީމިއާ ކުދިންނަށް ވެސް ހަދިޔާ ދީފައެވެ. އެ ހަދިޔާތައް މޯލްޑިވްސް ބްލަޑް ސާވިސަސްއާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

އެ ހަދިޔާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑެޕިއުޓީ ޑައިރެކްޓާ ފައިސަލް އިބްރާހިމް ވިދާޅުވީ ފަސް ރިސޯޓެއްގެ ބްލަޑް ޑޮނޭޝަން ރާވާ ހިންގުމުގެ ހުރިހާ ކަމެއް ވެސް މިހާރު އޮތީ ހަމަޖެހިފައި ކަމަށެވެ.

"އެހެންކަމުން ސަންސިޔާމްގެ މަސައްކަތްކުރައްވާ ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށް އެ ބޭފުޅުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ފައިސަލް ވިދާޅުވިއެވެ.

ތެލަސީމިއާ ދުވަހާ ގުޅިގެން ލޭއަޅާ ކުދިންނަށް ސަން ސިޔާމް ގުރޫޕުން ހަދިޔާ ދީފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެއީ ތެލަސީމިއާ ކުދިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޓަކައި އެ ގުރޫޕުން ވެދޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

މޯލްޑިވްސް ބްލަޑް ސާވިސްއިން ފޯރުކޮށްދެނީ ވަރަށް ބޮޑު އިންްސާނީ ޚިދުމަތެއް ކަމަށާއި އެ ޚިދުމަތުގައި ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކުގެ އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ބޭނުންވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ރިސޯޓުތަކުގައި ލޭ ހަދިޔާކުރުން މިއަދު ފަށައިފައިވާއިރު އެކި ދުވަސްތަކަށް ބަހާލައިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ލޭ ހަދިޔާކުރުން ކުރިއަށް ދާނެއެވެ. އެކި ރިސޯޓުތަކުގައި ކޭމްޕު ބާއްވާނީ އެކި ދުވަހުއެވެ.

ރާއްޖޭގައި ތެލެސީމިއާގެ 940 ރެޖިސްޓާޑް ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން 320 ކުދިން ފަރުވާ ހޯދަނީ މާލޭގައެވެ.

comment ކޮމެންޓް