ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ މަގުސަދުގައި ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްފިއެވެ.
ޝެރަޓަން މޯލްޑިވްސްގައި މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމްތައް އިފްތިތާހުކޮށް، މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފްއެވެ.
ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމު އިފްތިތާހުކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފު ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށްގެން މި ސަރުކާރުން ފެށި ޤައުމީ އެޕްރެންޓްސްޝިޕް ޕްރޮގްރާމަކީ މީހެއްގެ ދިރިއުޅުމާއި ތައުލީމާއި ތަޖުރިބާއަށް ބެލުމެއް ނެތި، ހަމަހަމަކަމާއެކު ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭނެ ޕްރޮގްރާމެއް ކަމަށެވެ.
ޔޫތު މިނިސްޓަރު މަޙްލޫފް ވިދާޅުވީ މި ޕްރޮގްރާމުން މަގުފަހި ކޮށްދެނީ ކޮންމެ ޒުވާނަކަށް ވެސް އެ މީހެއްގެ މާޒީ އާއި ޙާލަތަށް ބެލުމެއް ނެތި، ހަމަހަމަ ވަޒީފާގެ ފުރުސަތުތައް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމަކީ މެރިއޮޓް އިންޓަނޭޝަނަލް އާ އެކު ކުރެވޭ މި ޕްރޮގްރާމަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑަކުން ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި އަދި ތަމްރީނު ދެވޭނެ ޕްރޮގްރާމެއް ކަމަށެވެ.
އެހެންކަމުން މި ޕްރޮގްރާމަކީ ޒުވާނުންނަށް އެމީހުންގެ ހުނަރާއި ފަންވަރު ދެއްކުމަށް ލިބޭނެ ރަނުގެ ފުުރުސަތަކަށް ވީހިނދު، މި ތަޖުރިބާ އަކި އެ ޒުވާނުންނަށް ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް ލިބޭނެ ހިތްވަރެއް ކަމުގައި މިނިސްޓާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަދި ލިޔުން ހަވާލުކުރެވުނ 100 ޒުވާނުންނަކީ މިހާރުވެސް އެޕްރެންޓްސްޝިޕް ޕްރޮގްރާމުގައި ޝާމިލުވެގެން ތަމްރީނު ހޯދަމުންދާ 700 އަށް ވުރެ ގިނަ ޒުވާނުންނާއި ބައިވެރިވާނެ ޒުވާނުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ވަޢުދުފުޅުގެ ދަށުން 3000 ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ތަފާތު ދާއިރާތަކުން ގިނަ ޒުވާނުންތަކެއް ތަމްރީން ކުރުމަށްޓަކައި މެރިއޮޓް އިންޓަނޭޝަނަލްގެ ހަތް ރިސޯޓް ކަމަށްވާ ޝެރަޓަން ރިސޯޓް، ފުލްމޫން އެންޑް ސްޕާ، ޑަބްލިއު މޯލްޑިވްސް، ދަވެސްޓިން މޯލްޑިވްސް، މިރިއަންދޫ ރިސޯޓް، ސެއިންޓް ރީޖިސް މޯލްޑިވްސް، ދަ ރިޓްޒް ކާލްޓަން، ލެ މެރިޑިއެން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސްގެ އެހީތެރިކަމާއެކު 100 ޒުވާނުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތަމްރީން ހިންގޭ ދާއިރާތަކުގެ ތެރޭގައި މެއިންޓެނެންސް، ފްރޮންޓް އޮފީސް، ހައުސްކީޕިން، ލޯންޑްރީ ސާވިސް، ކޮމާޝަލް ކުކަރީ، ޕޭސްޓްރީ އެންޑް ބޭކަރީ، ފުޑް އެންޑް ބެވެރޭޖް ސާވިސަސް، ބަރިސްޓާ އަދި ލައިފް ގާޑިންގް ހިމެނެއެވެ.
މި ޕްރޮގްރާމް މިއަދު ރަސްމީކޮށް ފެށި ނަމަވެސް، މީގެ ކުރިން ސަރުކާރު ބައެއް ކުންފުނިތަކުން މި ޕްރޮގްރާމުގެ ދަށުން ބައެއް ތަމްރީނުތައް ކުރިއަށް ގެންދިޔައެވެ.