އޭނާއަކީ ވަރަށް ފަގީރު މަންމައެއްގެ ކުއްޖެކެވެ. އޭނާ އުފަންވިތާ ގިނަ ދުވަހެއް ނުވެ ބައްޕަ ނިޔާވެއްޖެއެވެ. އުމުރުން އެންމެ 12 އަހަރުގައި ކުޑަދަރިފުޅު ގޮވައިގެން މަންމަ އުޅެންޖެހުނީ ނިކަމެތި ދިރިއުޅުމެކެވެ. އޭގެ ސަބަބުން އޭނާ ބޮޑުވަމުން އައީ ނިކަމެތި ހާލުގައެވެ. ނަމަވެސް މިއަދު އޭނާއަކީ މުޅި ގައުމު, ހާއްސަކޮށް މުޅި އޭވިއޭޝަން ދާއިރާ ފަހުރުވެރިވާ ބޭފުޅެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އެއާލައިން ކެޕްޓަން އިބްރާހިމް ރަޝީދު (ކެޕްޓަން އިބުރޭ) 40 އަހަރަށް ފަހު ރިޓަޔާ ކުރެއްވީ ގިނަ އިބްރަތްތަކަކާއެކުއެވެ.
ކުޑައިރުއްސުރެ ކިޔެވުމަށް އޭނާ ޝައުގުވެރިކަން ހުރެއެވެ. އެހެންވެ އަމިއްލައަށް އެދިގެން މަޖީދިއްޔާ ސްކޫލުގެ ގްރޭޑް ދެއަކުން ތައުލީމީ ހަޔާތް ފެއްޓެވިއެވެ. އާއިލާއަށް ވެސް ނޭނގިއެވެ. ވަރަށް ފަގީރު ހާލުގައެވެ. ލާން އޮންނަނީ އެންމެ ހެދުމެކެވެ. އެވެސް ބުރަކަށިމަތިން ވީދިފައެވެ. އަރާނެ ފައިވާނެއް ނުލިބެއެވެ. އެ ހާލުގައި ސްކޫލަށް ދަނިކޮށް މަގުމަތިން އޭރުގެ ރައީސް އިބްރާހީމް ނާސިރަށް އިބުރޭ ފެނިވަޑައިގަތެވެ. އެކަންވީ ނަސީބަކަށެވެ.
"އަޅުގަނޑު އޮފީހަށް ހާޒިރުކޮށްފައި ބުނީ ކީއްވެހޭ ފައިވާނަށް ނާރާ ތި ހުރީ. އަޅުގަނޑަށް ހަމަ ރޮވޭނީ ނޫންތޯ. އަޅުގަނޑު އޭރު ހުރިގޮތުން ނާސިރުގެ އެހީތެރިކަން އަޅުގަނޑަށް ލިބުނު. އޭރުން ފެށިގެން އަޅުގަނޑު ސްކޫލް ނިމެންދެން ޔުނީފޯމާއި ފޮތާއި ބޫޓް ދެއްވަނީ ނާސިރު." އިބުރޭ ވިދާޅުވިއެވެ.
ފޮޓޯގަނޑަކުން އުފެދުނު ޝައުގެއް
ދިވެހި ޕައިލެޓުން އުފެއްދުމަށް ނިންމައި އެ މަސައްކަތް ފެއްޓެވީ ނާސިރުގެ ވެރިކަމުގައެވެ. ރާއްޖޭގައި ފުރަތަމަ އެއާޕޯޓެއް ބިނާ ކުރެއްވި ކުރީގެ ބޮޑުވަޒީރު ނާސިރު ބޭނުންފުޅުވީ ދިވެހީން އެ ދާއިރާއިން ތަމްރީން ކުރެއްވުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޕައިލެޓެއްގެ ގޮތުގައި ތަމްރީން ވުމަށް އޮސްޓްރޭލިއާއަށް ފޮނުއްވީ މުހައްމަދު ނައީމް (ޕައިލެޓް ނައީމް)އެވެ. ނައީމްގެ ގެއަކީ ކާފަގެ ރައްޓެހިކަމުގައި އިބުރޭ ގޮސް އުޅޭ ގެއެކެވެ. އެގޮތަށް ގޮސް އުޅުމުގެ ތެރެއިން ކުޑަކުޑަ އިބުރޭގެ ލޮލުގައި އަޅައިގަތީ އެގޭ ފާރުގައި ހަރުކޮށްފައި ހުރި ޕައިލެޓް ނައީމްގެ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ޔުނީފޯމްގައި ނައީމް ފްލައިޓެއް ކައިރި މަޑުކޮށްލައިގެން ހުއްޓާއެވެ. އެއާއެކު ޕައިލެޓަކަށް ވުމުގެ ޝައުގުވެރިކަން އުމުރުން އޭރު ހަގު އިބުރޭގެ ހިތުގައި އުފެދުނެވެ.
"އޭރު ރާއްޖޭގައި އެންމެ ގަދަޔަށް ހިނގާ ކަމަކީ ބޯޓު ދަތުރު ކުރުން. ރާއްޖޭގައި ވަރަށް ގިނަ ބޯޓު ފަހަރު އޮވޭ. ދިވެހި ކެޕްޓަނުން ވެސް އުޅޭ. ވަރަށް ލާރި ލިބޭ ކަމެއް. އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު އަދި ކުރާނީ އެހެން ކަމެކޭ. ދެން މި ފޮޓޯ ފެނިފައި އޮތީމަޔާއެކީގައި އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ކުރާނީ މަތިންދާ ބޯޓްގެ ކެޕްޓަން ކަމޭ، ކަނޑު ބޯޓެއްގެ ކެޕްޓަން ކަމެއް ނޫނޭ ކުރާނީއެއް. އެކަމަކު އެއީ ގުރޭޑް ހައެއް ނޫނީ ހަތެއް ހިސާބުގައި،" އިބުރޭ ކިޔައިދިނެވެ.
އިބުރޭއަކީ އުމުރާ އަޅާބަލާއިރު އަބަދުވެސް ކުރީގައި އުޅުނު ކުއްޖެކެވެ. އެންމެ ކުޑައިރުވެސް އޭނާއަށް އެނގޭ އެއްޗެހި އެހެން ކުދިންނަށް ކިޔަވައިދެއްވިއެވެ. އެކަމުން އާމްދަނީ ހޯއްދެވިއެވެ. ޓީޗަރެއްގެ އެހީގައި ވަރަށް ކުޑައިރު އޭރާ ބަލާއިރު ރަނގަޅު ފެންވަރަކަށް ހިސާބު ދަސްކުރެއްވިއެވެ. އެހެންވެ ގްރޭޑް ހައެއްގައި އުޅެމުން މާލޭގެ ބައެއް ފިހާރަތަކުގެ ހިސާބުތައް ބަލަހައްޓައިދީގެން ދިޔައީ އާމްދަނީ ހޯއްދަވަމުންނެވެ. އެކަމަކު އެއީ ކުރިމަގުގައި ދިރިއުޅުމަށް ކުރާނެ ކަމެއް ކަމަކަށް އޭނާ ނުނިންމަވައެވެ. ހޭލުންތެރިކަން ކުޑަ އެ ޒަމާނުގައި، އުމުރުން ވެސް ހަގު އިބުރޭ އޭރުވެސް ދިޔައީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އެއީ ޕައިލެޓަކަށް ވުމެވެ. އެހެންވެ އެހާ ހަގު އުމުރުގައި ވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފެއްޓެވިއެވެ.
"ގްރޭޑް ހަތެއްގައި އަޅުގަނޑު ލިޔުނީ ނާސިރަށް ސިޓީއެއް. އަޅުގަނޑު ބޭނުމޭ ޕައިލެޓަކަށް ވުމަށް. އެކަހަލަ ކަމަކަށް ވާނެ ކަމަކަށް ވެސް ނޫން. އެކަމަކު އިރާދަކުރެއްވީމަ ހުރިހާ ކަމެއް ވެސް ވާނެ ދެއްތޯ. އެހެންވެ ނާސިރު އަޅުގަނޑަށް ޖަވާބު ދެއްވީ ކިޔަވާށޭ. ގްރޭޑް ހަތެއްގައި އުޅޭ ކުއްޖަކު ކިހިނެއްތޯ ޕައިލެޓް ޓްރެއިނިން ހަދާނީ ދެއްތޯ؟،" އިބުރޭ ވިދާޅުވިއެވެ.
ގްރޭޑް 10 ނިމުމާއެކު އިބުރޭ ވަޒީފާއަކާ ގުޅިވަޑައިގަތެވެ. އެކަމަކު މާ ދުވަހެއް ނުވެ މަޖީދިއްޔާ ސްކޫލުގައި ގްރޭޑް 12 އުފެއްދުމާއެކު އަނެއްކާ ވެސް އެނބުރި ކިޔެވުމަށް ވަޑައިގަތެވެ. އޭރުގެ ބޮޑުވަޒީރު ނާސިރު ދެއްވި ފުރުސަތަކީ އޭލެވެލް ނިންމައިފި ނަމަ އެ ކުއްޖަކު ބޭރުން ގައުމަކުން ބޭނުން އެއްޗެއް ކިޔެވުމުގެ ފުރުސަތެވެ. އެ ފުރުސަތުގެ ބޭނުން އިބުރޭ ހިތްޕެވިއެވެ. އޭލެވަލް ނިންމެވުމަށް ފަހު އޭނާ ޕައިލެޓަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ޕާކިސްތާނަށް ސަރުކާރުގެ ހަރަދުގައި ވަޑައިގެންނެވިއެވެ.
ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ އުއްމީދުގައި ހުރި އިބުރޭއަށް ފުރަތަމަ އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ޕާކިސްތާންގައި ތައުލީމް ހާސިލް ކުރައްވަމުން ގެންދަވަނިކޮށް ޒުލްފިގާރު އަލީ ބުއްޓޫގެ ވެރިކަން ނިމި ދެން އައި ވެރިކަމުގައި އެ ގައުމުގެ ހާލަތު ގޯސްވެ، ހަމަނުޖެހުން ބޮޑުވާން ފެށިއެވެ. އެހެންވެ ސަރުކާރުން ނިންމީ ހުރިހާ ކިޔަވާ ކުދިންނެއް މާލެ ގެނައުމަށެވެ. އެ ހިސާބުން ހުވަފެނުގައި ކުލަ ނުޖެހި 1979 ގައި އެނބުރި ރާއްޖެ އަންނަން ޖެހިވަޑައިގަތީއެވެ.
ނަމަވެސް އިބުރޭ ހިތްވަރު ގެއްލުވައެއްނުލައްވައެވެ. ހުންނެވީ އުއްމީދުގައެވެ. އޭގެ ނަތީޖާ ރަނގަޅެވެ. އަނެއްކާ ނަސީބު އަތުގައި ހިފީއެވެ. މިފަހަރު މަގުމަތިން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލާ ބައްދަލުވުމުންނެވެ. އެއީ އިބުރޭ، ގްރޭޑް ހަތެއްގައި ތައުލީމް ހާސިލް ކުރެއްވިއިރު ކްލާސް ޓީޗަރެވެ. އެހެންވެ ގާތްކަން އޮވެއެވެ.
"އަޅުގަނޑަށް ފުރުސަތު ދެއްވީ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރަން. ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރިއިރު އެ އޮފީހަށް ބަދަލު ކުރައްވާފައި ވިދާޅުވީ ދިވެހި ރާއްޖެއަށް އެހީވާ ގައުމުތަކަށް ލިޔަންވީނޫންހޭ ތިމަންނަ އެހީވެދޭނަމޭ. ދެން އަޅުގަނޑު ލިޔުނީ ދިވެހި ރާއްޖެއަށް އެހީވާ ގައުމުތަކަށް. ލިޔުނީމައި ކަން ދިމާކުރި ގޮތުން އޮސްޓްރޭލިއާއިން ސްކޮލާޝިޕް ދިނީ،" އެ އުފާވެރި ހަނދާން އިބުރޭ އާކުރެއްވިއެވެ.
އޮސްޓްރޭލިއާގެ ހަރަދުގައި 1982 ވަނަ އަހަރު ޕައިލެޓުކަން ހެދުމަށް އިބުރޭ ވަޑައިގެންނެވީ ތައިލެންޑަށެވެ. ތައިލެންޑުގައި އޭރު ޕައިލެޓްކަން ނެގެނީ ދެ އަހަރުގެ ކިޔެވުމާއި ތަމްރީނަށް ފަހުގައެވެ. ނަމަވެސް އިބްރޭއާއެކު ކިޔެވި ކުދިން ބޭނުންވީ ކޯސް އަވަސް ކުރުމަށެވެ. އެހެންކަމުން ޗުއްޓީ ނުނަގައި ކިޔެވުން ކުރިއަށް ގެންދަން ނިންމުމުން 18 މަސް ދުވަހުގެ ތެރޭގައި ޕައިލެޓްކަން ލިބިވަޑައިގަތެވެ. އޭރު އުމުރުން 24 ވަރަކަށް އަހަރުގެ އިބުރޭ ޕައިލެޓްކަން ކިޔެވިއިރު އެކުގައި ކިޔެވީ ވަރަށް ހަގު އުމުރުގެ ކުދިންނެވެ. އެހެންވެ އެ މީހުންނާ އެއްވަރަކަށް ކިޔެވުމަށް ދަތިތައް ދިމާވިއެވެ.
"މިއީ މީހާގެ ސިކުނޑިއާއި ހަތަރެސްފައިން ކުރާ ކަމެއް އަސްލު މަތިންދާ ބޯޓް ދުއްވުމަކީ. ފައިން ކޮންޓްރޯލް ކުރޭ އަތުން ކޮންޓްރޯލް ކުރޭ. ސިކުނޑިއާއި ހަރަކާތާ އުމުރުން ދުވަސްވި ވަރަކަށް އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އެއްކޮށް ބޭނުން ކުރުމަކީ ކުޑަކޮށް އުނދަގޫ ކަމެއް. އެހެންވީމައި އަޅުގަނޑަށް ކުޑަކޮށް އުނދަގޫވި. އަޅުގަނޑުމެންގެ ބެޗްގައި ފަށައިގެންއިރު އަޅުގަނޑަކީ އެންމެ ދެރަމީހާއޭ ވެސް ދެންނެވިދާނެ. ހުރިހާ ކުދިން ބޯޓް ދުއްވަން ފަށައިގެންއިރުވެސް އަޅުގަނޑަށް އެންމެ ފަހުން ދެވުނީ." އިބުރޭ ވިދާޅުވިއެވެ.
ނަސީބު ދިމާކުރި ގޮތުން ފުރަތަމަ ޕައިލެޓްގެ ލަގަބު!
ގިނަ ކަންކަމުގައި ނަސީބު ގަދަ އިބުރޭއާއެކު ޕައިލެޓްކަން ކިޔަވައިގެން އެހެން ދިވެއްސަކު ވެސް މާލެ ވަޑައިގަތެވެ. އަދި އޭގެ ކުރިން އެހެން ދިވެހީންތަކެއް ޕައިލެޓުންނަށް ތަމްރީން ކުރުމަށް ސަރުކާރުން އޮތީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުވެ ޕައިލެޓް ލައިސެންސް ލިބުނު ދިވެއްސަކު އެހާތަނަކަށް ނެތެވެ.
ސިވިލް އޭވިއޭޝަނަށް ޕައިލެޓް ލައިސެންސްއަށް އެދި އިބްރޭއާއެކު އެހެން ދިވެހީން ވެސް ހުށަހެޅިއެވެ. އިންޓަވިއޫއާއި އެހެން ކަންކަމަށް ބެލުމަށް ފަހު ސިވިލް އޭވިއޭޝަނުން ލައިސެންސް ދެއްވިއިރު ފުރަތަމަ ދިވެހި ޕައިލެޓްގެ ލައިސެންސް ލިބިވަޑައިގަތީ އިބްރޭއަށެވެ. އެއީ ކީއްވެ ކަމެއް އޭނާއަކަށް ވެސް އެނވިޑައިނުގަންނަވައެވެ.
"އަޅުގަނޑަކީ ފުރަތަމަ ދިވެހި ޕައިލެޓެއް ނޫން. މިދެންނެވީ ފުރަތަމަ މަތިންދާ ބޯޓް ދުއްވި މީހާއެއް ނޫނޭ. އަޅުގަނޑަކީ ލައިސެންސްގެ ގޮތުން ދިވެހި ރާއްޖޭގައި އެކެއް. އަދި އުމުރުން ވެސް އެންމެ ދޮށީ އަޅުގަނޑު ލައިސެންސް އޮންނަ މީހުންގެ ތެރެއިން. ކެޕްޓަން ސާމްއާއި އަޅުގަނޑާ ދޭތެރެއިން އަޅުގަނޑު ދޮށީ،" އިބްރޭ ވިދާޅުވިއެވެ.
ޕައިލެޓްކަން ކިޔަވާ ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމާއެކު އެތައް ބައެއްގެ ސަމާލުކަން އިބުރޭއަށް ލިބިވަޑައިގަތެވެ. އޭރު އޭނާއަކީ ކިޔަވާ ކުދިންނަށް ނަމޫނާއަކަށް ޓީޗަރުންނާއި ބެލެނިވެރިން ދައްކަމުން އައި މީހާއެވެ. އެ ހުނަރު ދިވެހީން ބަލައިގަތެވެ. ނަމަވެސް އެއާއެކު އެކަމާމެދު ނުގޮތަކަށް ދެކުނު މީހުން ވެސް އުޅެއެވެ. އޭރު ދިވެހީންނަށް ވިސްނިފައި އޮތީ ޕައިލެޓް ކަމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ހުއްޓާލުމަށް އާއިލާ މީހުން ހިމެނޭ ގޮތަށް އެތައް ބަޔަކު އިބުރޭއަށް ނަސޭހަތްތެރިވިއެވެ.
"މިކަމަކީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވާ ކަމެއް. އެކަމަކު އަޅުގަނޑު ދަންނަވާލާ ހިތްވޭ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ރެކޯޑުން ދައްކާނީ މަތިންދާ ބޯޓް. އެކަމަކު މީގެ މައްސަލައަކީ މަތިންދާ ބޯޓެއް އެކްސިޑެންޓެއް ވެއްޖެއްޔާ އެއީ ވަރަށް ބޮޑުކަމަކަށް ވެގެން އެންމެން އުޅޭނެ. އެކަމަކު މިއީކީ އެހާކަންބޮޑުވާން ޖެހޭ ކަމެއް ނޫން. މަތިންދާ ބޯޓް ހަދާފައި ހުންނަނީ ވެސް ވަރަށް ގިނަ ކަންތައްތަކަކަށް ބަލާފައި. މިސާލަކަށް ބަލާނަމަ ވަރަށް ގިނަ ބޯޓްތަކުގައި ހުންނާނެ ދެ އިންޖީނު. އެހެން ކޮންމެ ސިސްޓަމަކަށް ބެލިޔަސް އޭގެ އެހެން ރިޕީޓް ސިސްޓަމްތަކެއް ހުންނާނެ،" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ މި މަސައްކަތް ފެއްޓެވި ޒަމާނުގައި ދިވެހީންނަށް ފްލައިޓް ދަތުރު ކުރުމަކީ ބިރުވެރި ކަމެކެވެ. ނަމަވެސް އޭރު ވެސް އަދި މިހާރު ވެސް އޭނާއަށް މިއީ ވަރަށް ބޮޑު އުފަލެކެވެ. ކިތަންމެ އިރަކު ކުރަން ޖެހުނަސް ފޫހިކަމެއް ނެތް މަސައްކަތެކެވެ.
"ވަރަށް ޝައުގުވެރިކަމާއެކީގައި އެކަން ކުރާ ހިތުން ކުރީމައި ވަރަށް އުފާވާ ކަމެއް އިނގޭތޯ ބޯޓް ދުއްވުމަކީ. އަޅުގަނޑު މަތީގައި ތާކުންތާކު ނުޖެހި އިނުމަކީ ވަރަށް އުފާވެރި ކަމެއް އަޅުގަނޑަށް. ބައެއް ބޭފުޅުން ބިރުގަންނާނެ. އެކަމަކު އެކަން ކުރާ ހިތްވާ މީހުންނަށް ވަރަށް އުފާވެރި މަންޒަރަކަށް އެކަން ވާނީ. ބިމާއި އުޑާއި އެ ހުރިހާ ތަނެއް އެ ފެންނަ ގޮތާއި ރާއްޖޭގެ މަންޒަރު ވަރަށް ރީތި ވާނެ ހާއްސަކޮށް. ހުރިހާ ކުލަތަކެއް ގާތްގަނޑަކަށް ފެންނާނެ. އަޅުގަނޑަށް ވަރަށް ހިތްގައިމުކަމެއް އެއީ ބޯޓްދުއްވުން. އެކަމަކު މިހެން ދެންނެވިޔަސް ގަދަވެ ކަންކަން ވީމައި ހިސާބަކަށް ޖެހިލުންވާ ގޮތް ވާނެ ދެއްތޯ؟" އިބްރޭ ވިދާޅުވިއެވެ.
ލައިސެންސް ލިބުމާއެކު ވަޒީފާގެ ގޮތުން 1983ގައި އިބްރޭ ގުޅިވައިގަތީ އޭރުގެ ގައުމީ އެއާލައިން، އެއާމޯލްޑިވްސްގެ ކޯ ޕައިލެޓްގެ ވަޒީފާއަށެވެ. އޭރު ރާއްޖޭގެ ފްލައިޓްތައް ދުއްވުމުގައި ހަރަކާތްތެރިވަމުން ދިޔައީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި ތިބި ބޭރު މީހުންނެވެ. އެހެންވެ ސަރުކާރުން ނިންމެވީ އިބުރޭ ވެސް ސިފައިންގޭގެ ވަޒީފާއަށް ބަދަލު ކުރުމަށެވެ. އޭރުގެ ނިސްބަތުން ރަނގަޅު މުސާރައަކާއެކުއެވެ.
އެ ހިދުމަތުގައި 22 އަހަރު ސިފައިންގޭގައި އިބުރޭ ހިދުމަތް ކުރެއްވިއެވެ. ކޮންމެ ދުވަހަކުހެން 18 ގަޑިއިރު އުޅުއްވަނީ މަސައްކަތުގައެވެ. އޮފް ދުވަހެއް ނުނަންގަވައެވެ. އެ ހިދުމަތް ކުރެއްވި 22 އަހަރުގެ ތެރޭގައި ޗުއްޓީ ވެސް ނެންގެވީ އެންމެ 20 ދުވަހަކަށެވެ. އެއީ ދަރިފުޅު ހިތާނު ކުރުމަށާއި އަންހެނުންގެ ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އެ ނޫނީ މުޅިން އުޅުއްވީ ހިދުމަތުގައެވެ.
އޭރު ހުޅުލެއާއި އައްޑޫ ގަން އެއާޕޯޓް ނޫން އެއާޕޯޓެއް ރާއްޖެއަކު ނުހުރެއެވެ. އެހެންވެ މާ ގިނަ ޝެޑިއުލް ދަތުރުތަކެއް ކުރާކަށް ނުޖެހެއެވެ. ނަމަވެސް އެކި ހާދިސާތައް ހިނގައިގެންނާއި ސަރުކާރުގެ އެކި ބޭނުންތަކަށް ދަތުރުތައް ކުރަން ޖެހެއެވެ. އޭގެ ތެރެއިން ޒަމާންވީ ކެރިއަރުގައި ވެސް އިބުރޭއަށް އެންމެ ފާހަގަ ކޮށްލެވެނީ އެކި ހާދިސާތައް ހިނގައިގެން ކުރެއްވި ކުއްލި ދަތުރުތަކެވެ. އޭގެ ތެރޭގައި އެނަމާ ބޯޓް ބަންޑުން ޖަހާލުމުން މާލެއިން މީހުން ގޮވައިގެން ރޭގަނޑަކު ކޫއްޑޫ އެއާޕޯޓަށް ކުރެއްވި ދަތުރު ހިމެނެއެވެ. އޭރު ކޫއްޑޫ އެއާޕޯޓް އޮތީ ރޭގަނޑުގެ ދަތުރުތަކަށް ތައްޔާރުވެފައެއް ނޫނެވެ.
ސިފައިންގޭގައި ގިނަ އަހަރުތަކެއް އުޅުއްވުމަށް ފަހު ދެން އިބުރޭ ގުޅިވަޑައިގަތީ ވިލާއެއާ އާއެވެ. މިހާރު ވެސް ހުންނެވީ އެ ކުންފުނީގައެވެ.
40 އަހަރު ހިދުމަތުގައި ހުރެވުނީ އަހުލާގުގެ ސަބަބުން
ކޮންމެ ދުވަހަކު މަސައްކަތް ފައްޓަވަނީ ހެޔޮ ދުއާއަކުންނެވެ. ސަލާމަތާއި ރައްކާތެރި ކަމަށް އެދިއެވެ. ބިރުގަންނަ އަދި ޖެހިލުން ވެސް ވާފަހަރު ގިނައެވެ. ކޮންމެ ދުވަހަކީ ވެސް އާއްމު މީހުންނަށް ވުރެން މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު އިތުރު ދުވަހެކެވެ. އަދި ސިއްހީ ގޮތުން މީހާ ހުންނަން ޖެހެނީ ވަރަށް ފިޓްކޮށެވެ. ޕައިލެޓް ލައިސެންސް އާ ކުރެވެނީ އުމުރުން 65 އަހަރު ވަންދެން އަހަރަކު އެއް ފަހަރު ހަދާ މެޑިކަލް ޓެސްޓްތަކަކުން ފާސްވެގެންނެވެ. ސިއްހީ މައްސަލަތަކެއް އުޅޭނަމަ ލައިސެންސް އާ ކޮށެއް ނުދެއެވެ.
އޭގެ އިތުރުން އޭވިއޭޝަންގައި އުޅޭ މީހުން އަހަރަކު ދެ ފަހަރު މަސައްކަތާ ގުޅޭ ޓެސްޓްތަކެއް ހަދުވައެވެ. އެގޮތުން އެ ދާއިރާއިން އިލްމު ހުރިވަރާއި ބޯޓް ދުއްވާ ގޮތުގެ ޓެސްޓްތައް ހަދައެވެ. އެ ޓެސްޓްތަކުން ފާސްނުވާ ނަމަވެސް ލައިސެންސް އާކޮށެއް ނުދެއެވެ. މެދުނުކެނޑި 40 އަހަރު އިބުރޭއަށް ހިދުމަތުގައި ހުންނެވުނީ އެކަންކަމަށް ވިސްނައި ރަނގަޅު އަހުލާގެއްގައި އުޅުމުގެ ސަބަބުންނެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ އަޅުގަނޑުގެ ސިއްހަތަށް ނުބަލައިފިއްޔާ އަޅުގަނޑު މިފެށި މަސައްކަތް ޒީރޯއަށްކަން ދާނީ. އެހެންވީމަ އަޅުގަނޑު ވަރަށް ބެލިން އަޅުގަނޑުގެ ސިއްހަތު ރަނގަޅަށް ހުރެގެން މިކަން ވާނެ ގޮތަކަށް. ކެއުމަށް ވެސް ވަރަށް ބަލައިގެން އުޅެނީ. ކާހިތްވިޔަސް އެހާ ގިނައިން ނުކައި ވޭތޯ ބަލަން. ކަސްރަތު ވެސް ވަރަށް ގިނައިން ކުރަން. އެކަމަކު ހެވީ ލިފްޓު ކަހަލަ ކަމެއް ޖިމަށް ދިޔަސް ނުކުރަން. އަޅުގަނޑަކީ ވަރަށް ބާރަށް ހިނގާ މީހެއް. އަދި ނިދި ހަމަކުރަން ކޮންމެހެން ސަމާލުކަން ދޭން،" އިބްރޭ ވިދާޅުވިއެވެ.
އިބުރޭ ގަބޫލު ކުރައްވާގޮތުގައި އާއިލާގެ އެއްބާރުލުން ނުލިބި އެއްވެސް ދާއިރާއަކުން ކުރިއަށް ދިއުމަކީ ދަތިކަމެކެވެ. އެހެންކަމުން އޭނާގެ އަނބިމީހާއާއި ހަތަރު ކުދިންގެ ފަރާތުން ލިބުނު އެއްބާރުލުމަކީ މިހާ ޒަމާން ވަންދެން މި މަސައްކަތް ކުރެވުނު ސަބަބު ކަމަށް އިބުރޭ ވިދާޅުވިއެވެ.
"އަޅުގަނޑު ގެއިން ނުކުމެގެން ބޯޓް ދުއްވަން ދާއިރު އަޅުގަނޑުގެ ސިކުނޑީގައި ގޭގެ ކަންތައްތަކާއި ނުވަތަ އެފަދަ ކަންބޮޑުވުންތަކެއް ހުރިއްޔާ އަޅުގަނޑަކަށް ބޯޓެއް ރަނގަޅަކަށް ނުދުއްވޭނެ. الحمد لله އަޅުގަނޑު އެކަހަލަ ކަމަކާ އުޅޭކަށް ނުޖެހުނު. އަޅުގަނޑުގެ ފަހަތުގައި ތިބި އެންމެންނަކީ އަޅުގަނޑަށް ސަޕޯޓް ކުރި މީހުން. އަޅުގަނޑުގެ ވެރިން ވެސް،" އުފަލުން ފެންކަޅިވެ ހުރެ، އިބްރޭ ވިދާޅުވިއެވެ.
މުޅި ދާއިރާ ކުރިއެރީ ލޯ ކުރިމަތީގައި
އޭރު ރާއްޖެއަށް އިންޑިއަން އެއާލައިންސް އާއި އެއާ ސިލޯން ނޫން އެއާލައިންއަކުން ދަތުރެއް ނުކުރެއެވެ. ޑޮމެސްޓިކް ފްލައިޓްތަކެއް ނެތެވެ. މުޅި ރާއްޖޭގެ ސަރަހައްދުގައި އުޅެނީ ވަރަށް މަދު ބޯޓެކެވެ. އެއީ އިބުރޭ އެ މަސައްކަތް ފެއްޓެވިއިރުގެ ހާލަތެވެ. ނަމަވެސް ފަހުން މުޅި އިންޑަސްޓްރީ ކުރިއަރައި އޭނާ މިދިޔަ ބުރާސްފަތި ދުވަހު 40 އަހަރަށްފަހު ރިޓަޔާ ކުރެއްވިއިރު ދާއިރާ މިއޮތީ މުޅިން ބަދަލުގައެވެ. ޑޮމެސްޓިކް އެތައް ފްލައިޓެއްގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް އެއާލައިންއަކުން ކޮންމެ ދުވަހު ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެ ހުރިހާ ކުރިއެރުމެއް އައީ އިބްރޭ އެ މަސައްކަތުގައި އުޅުއްވަނިކޮށެވެ.
"މިހާރު ހާދަ ޕައިލެޓުންނެއް އެބައުޅޭ. ހާދަ ބައިވަރު ކުދިންނެއް އިންޖީނިއެރުންގެ ގޮތުގައި އެބައުޅެއޭ. މިހާރު ކިޔަވަން ވެސް ވަރަށް ގިނަ ކުދިން އެބަތިބި. މިކަމުގެ ޝައުގު ވަރަށް ބޮޑަށް އުފެދިއްޖެ ކަމަށް އަޅުގަނޑަށް ފެންނަނީ. އަޅުގަނޑުމެން ވަރަށް މަސައްކަތުން އަށް ކުދިން މިކަމަށް ނެރުނީ. އެކަމަކު މިހާރު އަމިއްލައަށް އަމިއްލަ ފެމެލީ އެކަން ބޭނުން ވެގެން ކުދިން އަމިއްލައަށް ބޭނުން ވެގެން ސަރުކާރުގެ ލޯނަށް އެދިގެން ބޭންކުގެ ލޯނަށް އެދިގެން ކުދިން ކިޔަވަން ދަނީ،" އުފަލުން ހުރި އިބްރޭ ވިދާޅުވިއެވެ.
ފުރަތަމަ އޭވިއޭޝަން ދާއިރާ ވެސް ކުރިއަރަމުން ދިޔައީ ވަރަށް މަޑު ދުވެއްޔެއްގައި ކަމަށް އިބުރޭ ވިދާޅުވިއެވެ. އަދި ރަނގަޅު ވަރަކަށް ދާއިރާ ކުރިއަރަން ފެށީ ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. އޭރު ބޭރު މީހުން ތިބި މިދާއިރާގައި މިހާރު ތިބީ އިސްކޮށް މުޅިންހެން ދިވެހީންނެވެ. އިބްރޭ ގަބޫލު ކުރައްވާ ގޮތުގައި އެއީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ބޮޑު ކާމިޔާބީއެކެވެ.
އުމުރުން 65 އަހަރުވުމާއެކު ގަވާއިދު ބުނާގޮތުން ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އިބުރޭއަށް މިހާރު މިވަނީ ގެއްލިފައެވެ. ނަމަވެސް ދާއިރާއިން ދުރަށް ވަޑައިގަތުމުގެ ވިސްނުމެއް އޭނާ އަދިވެސް ނުގެންގުޅުއްވައެވެ. އެހެންކަމުން ދެން އޭނާ މަސައްކަތް ކުރައްވަން ގަސްތު ކުރައްވަނީ ވިލާއެއާގެ މުވައްޒަފުން ޓްރެއިން ކުރުމަށެވެ.
ނިކަމެތި ހާލުގައި އުޅެބޮޑުވި އަދި ފަގީރު ކަމުގެ ސަބަބުން އޭރުގެ ވެރިޔާއަށް ފާހަގަވި ކުއްޖާ މިއަދު އެ ހުންނެވީ ބޮޑު ޝަރަފަކާއެކުއެވެ. އޭނާ އެ ކުރެއްވި ހިދުމަތުން ތާރީހުގެ ތެރެއަށް ވަޑައިގަތީ ޝަރަފަކާއެކުއެވެ. އެއީ ނިކަމެތި ހާލުގައި އޭނާ ދުށް ހުވަފެން ކާމިޔާބު ކުރައްވައިގެންނެވެ.