ތިނަދޫގައި ކީމޯގެ ޚިދުމަތް: ހުވަދު އަތޮޅަށް އިންގިލާބީ ފެށުމެއް

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ފެށުން --- ފޮޓޯ/ ހޮސްޕިޓަލް

ރާއްޖޭގައި މީހުން މަރުވާ އެންމެ މައިގަނޑު ތިން ސަބަބުގެ ގޮތުގައި ކެންސަރު ހިމެނޭކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެޗްޕީއޭއިން ހާމަކުރި އެ މައުލޫމާތަކީ ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާހޯދާ، މީހުންގެ ނިސްބަތްވެސް ކޮންމެވެސް ވަރަކަށް އަންދާޒާކުރެވޭނެ މައުލޫމާތެކެވެ. ބައްޔަށް ފަރުވާ ހޯދާ މީހުންގެ ނިސްބަތުން ކެންސަރު ބައްޔަކީ ރާއްޖޭގައި ކިހާ އާއްމު ބައްޔެއްކަން ހާމަވެއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މި އަހަރު ނެރެފައިވާ ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ ރާއްޖޭގެ ބަލިތަކުގެ ޙާލަތާއި ގުޅޭގޮތުން 2020 ވަނަ އަހަރު ދުނިޔެގޭ ސިއްޙަތު ޖަމިއްޔާއިން ކުރި ދިރާސާއެއްގައި ބުނާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ އަކީ ކެންސަރުގައި މަރުވާ މީހުން ކަމަށެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ފެށުން --- ފޮޓޯ/ ހޮސްޕިޓަލް

ރާއްޖޭގައި ފިރިހެނުންނަށް އާއްމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުއްޕާމޭގެ ކެންސަރު ހިމެނެއެވެ. އަދި އަންހެނުންގެ މެދުގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި ތައިރޮއިޑް ކެންސަރެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރަށް 7500 އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވެއެވެ. މީގެތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމޭގެ ކެންސަރަށެވެ. އަދި އަންހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާހޯދާފައިވަނީ އުރަމަތީގެ ކެންސަރަށެވެ.

ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު، މި ބައްޔަށް ރާއްޖޭގައި ފަރުވާ ހޯދޭނެ ގޮތްތައް އޮތުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. ނަމަވެސް މި ބައްޔަށް ފަރުވާ ހޯދޭ ތަންތަނުގެ އަދަދު ފަރުވާ ހޯދަން ބޭނުންވާ މީހުންގެ ނިސްބަތުން ވަރަށް ވެސް މަދެވެ.

ހަމަ އެގޮތަށް، ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް ބަލާއިރު، އޭގެ ތެރޭގައި ހުވަދު އަތޮޅަށް ނިސްބަތްވާ މީހުން ގިނައެވެ. ނަމަވެސް މި ހުރިހާ އަހަރުތަކެއް ފާއިތުވިއިރު، ހުވަދު އަތޮޅުން ކެންސަރު ބައްޔަށް ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ. އަބަދުވެސް ޖެހެނީ މާލެއިން ނުވަތަ ރާއްޖެއިން ބޭރަށް ފަރުވާއަށް ދާށެވެ.

ގިނަ އަހަރުތަކެއްވީ، އެ ތަކުލީފަށް ނިމުން ގެނެސް، އިއްޔެ މިވަނީ ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާހޯދުމަށް ދޭ ކީމޯތެރަޕީގެ ޚިދުމަތް ފަށާފައެވެ. މިއީ އެ އަތޮޅުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ފެށުން --- ފޮޓޯ/ ހޮސްޕިޓަލް

ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއުއެވެ. މި ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށާފައިވަނީ ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެންނެވެ.

އެގޮތުން ކޯމޯ ތެރަޕީ ދެނީ ނަރުހުންނަށް ވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގެ ސީނިއާ ނަރުހުން ވަނީ ތިނަދޫގައި ހަރަކާތްތެރިވާ ނަރުހުން ތަމްރީންވެސް ކޮށްދީފައެވެ.

މި ޚިދުމަތް ރަސްމީ ގަޑީގައި ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ލިބެންހުންނައިރު، ޚިދުމަތަށް ހާއްސަކޮށްގެން ދެ އެނދު އެ ހޮސްޕިޓަލުގައިހުރެއެވެ. ފަރުވާ ހޯދުމަށް ޖެހޭނީ ކީމޯ ތެރަޕީގެ ޚިދުމަތަށް ރެޖިސްޓްރީވާށެވެ.

އެކަމާ ގުޅިގެން، ޑެޕިއުޓީ ސީއީއޯ، ރިފާއު މިއަދު "ސަން"އަށް ވިދާޅުވީ އިއްޔެ ޚިދުމަތް ފަށާފައިވާއިރު، މިހާރު އެކަކު އެ ހޮސްޕިޓަލުން ކީމޯގެ ޚިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ވެސް ދެތިން މީހަކު އެ ޚިދުމަތަށް ރަޖިސްޓްރީކޮށްފައިވާއިރު، ކުރިއަށް އޮތްތަނުގައި، ޚިދުމަތް ހޯދާ މީހުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މުޅި ހުވަދު އަތޮޅަށްވެސް ލިބޭނެ ފަސޭހައެއް. ޓްރެއިންޑް ނަރުހުންގެ ފަރާތުން ލިބޭނީ ފަރުވާ. އެންމެ ރަނގަޅަށް ފަރުވާ ދިނުމަށް މަސައްކަތް ކުރާނެ އަބަދުވެސް،" އޭނާ ވިދާޅުވިއެވެ.

ރިފާއު ވިދާޅުވި ގޮތުގައި، ތިނަދޫގައި މި ޚިދުމަތް ފެށުމުގެ ސަބަބުން، ހުވަދު އަތޮޅުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ކީމޯއަށް ފަރުވާ ހޯދަން ބޭނުންވާ މީހުންގެ ކިއުއަށް ވެސް ލުއިކަމެއް ލިބޭނެ ކަމަށެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ފެށުން --- ފޮޓޯ/ ހޮސްޕިޓަލް

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ގަބޫލުކުރާ ގޮތުގައި، ތިނަދޫގައި ފެށި މި ޚިދުމަތަކީ ރަށަށާއި، އަތޮޅުގެ އެހެން ރަށްރަށަށް ވެސް ލިބޭނެ ފަސޭހައެކެވެ.

އެގޮތުން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑު މެމްބަރު އަދި ސްކޫލް އޮފް ނާސިންގެ ސީނިއާ ލެކްޗަރާ ޖީޒާ ހަސަން މިއަދު "ސަން"އަށް ވިދާޅުވީ، ހުވަދު އަތޮޅުގައި ކެންސަރަށް ފަރުވާ ހޯދާ މީހުން ނިސްބަތުން ގިނަ ކަމަށެވެ.

"މި ޚިދުމަތް އިއްޔެ ފެށުނު ނަމަވެސް، ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނެ ރައްޔިތުންނަށް މި ޚިދުމަތާ ގުޅިގެން ދޭން ޖެހޭ މައުލޫމާތު ދިނުމަށްވެސް. އަދި މާލެއިން މި ޚިދުމަތް ލިބޭހާ ރަނގަޅަށް ރަށުން ވެސް ޚިދުމަތް ފޯރުކޮށްދެން އަބަދުވެސް މަސައްކަތް ކުރާނެ ހޮސްޕިޓަލުން. އެހެންވެ، އެއީ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ތިނަދޫންނާއި، ހުވަދު އަތޮޅުގެ އެހެން ރަށްރަށުންވެސް، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އަންނަނީ މާލެއަށެވެ. އަދި އިތުރު ފަރުވާއަށް، އެއްވެސް އިތުރު ގޮތެއް ނެތިގެން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. އޭގެ ސަބަބުން، ބޭސް ފަރުވާއަށްދާ ޚަރަދުގެ ސަބަބުން، ބޭރުގައި އެ ހުރިހާ ދުވަހަކު ހުރުމަށް ވެސް އެހާ ޚަރަދުދެއެވެ.

ނަމަވެސް ތިނަދޫގައި ކީމޯގެ ޚިދުމަތް ދޭން ފެށުމާއެކު، އެކަމަށް އިތުުރު ލުއިފަސޭހަކަން ލިބޭނެއެވެ. މީގެ ކުރިން އެފަދަ ތަޖުރިބާކުރި މީހުން ވަނީ "ސަން"އަށް އެކަން ހިއްސާކޮށްފައެވެ.

"އަބަދުވެސް ދާން ޖެހެނީ ބޭރަށް. އެވެސް ވަރަށް ޚަރަދު. އުޅޭ ތަނުން ޚިދުމަތްތައް ލިބުމަކީ ލިބޭނެ އެންމެ ބޮޑު ފަސޭހަ. ހާއްސަކޮސް މިކަހަލ ކަމެއްގަ، އެކަމު އޭރު އަބަދުވެސް ބޭރުގަ ފަރުވާއަށް ގޮސް އުޅުނީ. އޭރުން ވަނީ ދަތިތައް އިތުުރު. އަޅުގަނޑަށް ޔަގީން މި ޚިދުމަތާއެކު، އެކަމަށް ނިމުމެއް އަންނާނެކަން،" މީގެ ކުރިން ކެންސަރު ބައްޔަށް ފަރުވާ ހޯދި، ތިނަދޫއަށް ނިސްބަތްވާ މީހެއްގެ އާއިލާ މީހަކު ބުންޏެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ފެށުން --- ފޮޓޯ/ ހޮސްޕިޓަލް

އެހެންވެ، ތިނަދޫގައި ކީމޯގެ ޚިދުމަތް ދޭން ފެށުމަކީ މިފަދަ ހުރިހާ ކަމަކަށް ލުއިފަސޭހަކަން ގެނެސް، ކެންސަރު ބައްޔަށް ފަރުވާހޯދޭނެ ގޮތްތައް އިތުރުކޮށް ފުޅާކުރުމަށް އެޅުނު މުހިއްމު ފާލެއް ކަމަށް އެ ރަށު މީހުން ބުންޏެވެ.

އެ ބައްޔަށް ފަރުވާދޭން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފެށުމަކީ، ސިއްހީ ދާއިރާއިން މުޅި ހުވަދު އަތޮޅަށް ވެސް އައި އިންގިލާބީ ފެށުމެކެވެ.

comment ކޮމެންޓް