އިމުގެ މައްސަލައިގައި ބޮޑު ހަތަރު އިދިކޮޅު ފިކުރު އެއް މޭޒަށް

އިމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އިދިކޮޅު ބޮޑު ހަތަރު ފިކުރުން މިއަދު ބޭއްވި ބައްދަލުވުން --

ރާއްޖެއާއި މޮރިޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދުން ރާއްޖެއިން ބޮޑުބައި ލިބޭ ގޮތަށް ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހި، ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާ އެކު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަދި، އިދިކޮޅު އެމްއެންޕީއާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފި، އެއް ގަލަކަށް އަރައި، ސިޔާސީ މަޝްވަރާތަކެއް ފަށައިފިއެވެ.

ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން ނިންމުމާ ގުޅިގެން އެ ތިން ޕާޓީއާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފި ހިއްސާވާހެން ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު އިސްވެ ހުންނަވާ މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.

އެ މައްސަލައިގައި އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ޕީޕީއެމާއި، ޖޭޕީއާއި އެމްއެންޕީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ހިންގަވާ ފިކުރެއްގެ ދިރުން ފެކްޝަން ހިމެނޭހެން މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ:

  • ޕީޕީއެމް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ
  • ޕީޕީއެމްގެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
  • ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)
  • އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަން)
  • އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް
  • ޖޭޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

ބައްދަލުވުމާ ގުޅޭ މައުލޫމާތު "ސަން"އާ ހިއްސާ ކުރައްވަމުން އަލީ ހުސައިން މިރޭ ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ އިމުގެ މައްސަލައިގައި ދެން އަމަލުކުރާނެ ގޮތްތަކެއް ހޯދާއި ކަނޑައެޅުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. އެކަމަކު، މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން: އޭނާ ގެންދަވަނީ އިމުގެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި މައްސަލައިގައި ދެން ކަންތައް ކުރާނެ ގޮތަކާއި، ދެން އަމަލު ކުރެވޭނެ ގޮތްތަކެއް ހޯދާ، ކުރިއަށް ގެންދެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނީ. ގޮތްތަކެއް ނިންމުމާ އެކު، އަޅުގަނޑުމެން އަނެއްކާ ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން،" އޭނާ ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނުނު ނަމަވެސް ޖޭޕީން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީން ވާދަކުރައްވަނީ ލީޑަރު ގާސިމް އިބްރާހިމެވެ. އެ ޕާޓީއާ އެކު މަސައްކަތް ކުރަން، ނަޝީދުގެ ފިކުރެއްގެ ދިރުމުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ރާއްޖެއިން ވަކާލާތު ކުރި ގޮތަށް އިޓްލޮސްއިން ނިންމި ނަމަވެސް ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވައި ސަރުކާރާ ދެކޮޅު ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

https://sun.mv/176683

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބިގެން ދިޔައީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

comment ކޮމެންޓް