ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ވަރުގަދަ ފިލްމު "ނީނާ"ގެ ވާހަކަ ދައްކަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް މަޑު މަޑުން ފިލްމުގެ އެކި މައުލޫމާތު އަންނަނީ އާންމު ވަމުންނެވެ.
މި ފަހަރު ލީޑް އެކްޓަރު ނުޒުހަތު ޝުއައިބު (ނުޒޫ) ފިލްމަށް ޓްރެއިން ވި ގޮތުގެ ވާހަކައެވެ.
އިއްލެގެ ނީނާ އަކީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ކާމިޔާބީއާ އެކު 2019ވަނަ އަހަރު އިއުލާނު ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރިލީޒްކުރުން ލަސްވެފައިވާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 2020ވަނަ އަހަރެވެ. ނަމަވެސް ކޮވިޑާ އެކު ފިލްމު ލަސްވި ގޮތަށް އަދި ފިލްމު އެޅުވޭ ގޮތް ވެފައެއް ނުވެއެވެ.
މިހާރު ފިލްމު ނެރުމުގެ ތައްޔާރީތައް އާ އުއްމީދަކާ އެކު ފަށައިގެން ކުރިއަށް ދާއިރު ފިލްމާ ގުޅޭ ތަފާތު މައުލޫމާތު އަންނަނީ ހިއްސާ ކުރަމުންނެވެ. އެއިން އެއް މައުލޫމާތަކީ ފިލްމަށް ނުޒުހަތު ވާން ޖެހުނު ތައްޔާރީތަކުގެ ވާހަކައެވެ. ނުޒޫގެ ރޯލަށް ވަނީ އޭނާ މާޝަލް އާޓްސް ދަސްކޮށްފައެވެ.
ނީނާގެ ޕްރޮޑަކްޝަން "އައި ފިލްމްސް" އިން ދާދި ފަހުން އާންމުކުރި ވީޑިއޯއެއްގައި ވަނީ ނީނާއަށް ނުޒޫ ތައްޔާރުވި ގޮތް ކިޔައިދީފައެވެ.
ނީނާއަށް މާޝަލް އާޓްސް ދަސްކޮށްދިނުމުގައި މަސައްކަތް ކޮށްފައިވަނީ ޝިން އެޓެމީ މޯލްޑިވްސް އިންނެވެ. މި ތަނުގެ ޗީފް އިންސްޓްރަކްޓަރު ހުސައިން ސުހެއިލް ބުނެފައިވަނީ ޝިން އެޓެމީ އިން ދަސްކޮށްދެނީ މިކްސްޑް މާޝަލް އާޓްސް ކަމަށެވެ. އަދި، އޭގެ ދަށުން ސެލްފް ޑިފެންސް އާއި އަންހެނުން ބާރުވެރި ކުރުުވުން ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ސުހެއިލް ބުންޏެވެ.
ސުހެއިލް އުއްމީދު ކުރަނީ މި ޓްރެއިނިންތަކާ އެކު ފިލްމުން ފެންނާނީ ރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ވަރުގަދަ "ފައިޓް ސީން"ތައް ފެނުމަށެވެ.
ޓްރެއިނިންގެ ފުރަތަމަ ދުވަހުގެ ވާހަކަ ދައްކަމުން ނުޒޫ ބުނެފައިވަނީ ޓްރެއިނިން އިން ދަސްވަނީ މުޅިން އާ ކަންތައްތައް ކަމަށާއި މިއީ މުޅީން ތަފާތު ތަޖުރިބާއެއް ކަމަށެވެ.
ފިލްމުގެ ބޭރުން ވެސް މި ޓްރެއިނިންތައް އަމިއްލަ ދިރިއުޅުމަށް ވެސް ބޭނުން ކުރެވޭނެ ކަމަށް ނުޒޫ ފާހަގަކުރިއެވެ.
ނީނާ ނެރޭ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަންނަ މަހުގެ ތެރޭގައި ފިލްމުގެ ރިލީޒް ތާރީހެއް އިއުލާނު ކުރާނެ ކަމަށް އިއްލެ ވަނީ އިޝާރާތް ކޮށްފައެވެ.