ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ މަންމަގެ ބޭސްފަރުވާއަށް އުސޫލުން ބޭރުން ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރި ކަމަށް އޮންލައިން ނޫހަކުން ރިޕޯޓު ކުރި ވާހަކަތައް އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
އޮންލައިން ނޫސް "ދިޔަރެސް" ގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ފާއިތުވި ތިން އަހަރު އެކި ފަހަރުމަތިން ޝަމާލުގެ މަންމަ އޭޑީކޭގައި އެޑްމިޓުކޮށްގެން ފަރުވާދިނުމަށް އެމްއެންޑީއެފުން ތިން މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން މީޑިއާތަކަށް ފިނުވި މެސެޖެއްގައި ބުނެފައިވަނީ ސިފައިންނާއި ސިފައިންގެ އާއިލާގެ މެމްބަރުންނަށް ބޭސްފަރުވާކުރުމުގެ ކަަންކަމަކީ ވަކި ރޭންކެއް އިސްތިސްނާ ކުރުމެއްނެތި ތަފާތުކުރުމެއްނެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދެވެމުން އަންނަ ޚިދުމަތެއް ކަމަށެވެ.
އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި އެޑްމިޓްކޮށްގެން ދެވޭ ފަރުވާތައް ހިމެނޭނެ ކަމަށާއި ސިފައިންނާ ސިފައިންގެ އާއިލީ މެމްބަރުންނަށް ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން ނުގެންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.