މައްކާގައި ބާއްވާ 43 ވަނަ "ކިންގް ޢަބްދުލްޢަޒީޒު އިންޓާނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން" ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މައްކާގައި ކޮންމެ އަހަރު ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އޯގަސްޓް 25 އިން ސެޕްޓެމްބަރު ހަ ވަނަ ދުވަހާ ހަމައަށެވެ. ކީރިތި ގުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ މިދިޔަ އަހަރެކޭ އެއް ގޮތަށް މި އަހަރުގައި ވެސް ދެ ބައިވެރިޔަކު ބައިވެރިކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
މި މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް
- ގުރުއާން އެއްކޮށް ޙިފްޒުކޮށްފައިވުމާއެކު، ރިވާޔަތާއި ދިރާޔަތާއެކު ޝާޠިބިއްޔާ އާއި ތައިސީރުގެ މަގުން ތަވާތުރުވެގެންވާ ހަތް ޤިރާއަތަށް ކީރިތި ގުރުއާން ތަޖުވީދުގެ މަގުން ކިޔަވަން އެނގުން.
- މުޅި ގުރުއާން އެއްކޮށް ހިތުދަސްވެފައިވުމާއެކު ގުރުއާނުގެ މުފުރަދާތުތަކުގެ ތަފްސީރު އެނގުން.
- މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުން.
- ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއެކު ތަޖުވީދުމަގުން ކިޔެވުމުގެ ގޮފި ކަމަށް އެ މަރުކަޒުން ބުނެއެވެ.
ސައުދީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި މިމުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިނުވާ އުމުރުން 25 އަހަރު ނުފުރޭ ފިރިހެނެއްކަމުގައިވުން ހިމެނެއެވެ.
ނަމަވެސް ހިޖްރީ ގޮތުން 30 އަހަރު ފުރިފައި ނުވާނަމަ މުބާރާތުގެ ފުރަތަމަ ގޮފީގައި ބައިވެރިވެވޭނެ ކަަމަށް އެ މަރުކަޒުން ބުންޏެވެ.
ކީރިތި ގުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް އެދި ޖޫން ހަވަނަ ދުވަހުގެ 13:30ގެ ކުރިން އެ މަރުކަޒަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި މި މުބާރާތުގައި ލިބުނު ފުރުސަތުގައި ރާއްޖެ ތަމްސީލުކުރީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރު އާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ.
މި ދެބައިވެރިންގެ ތެރެއިން ނަބީހު ވަނީ، އެ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދީފައެވެ.