ލިވަޕޫލުގެ މިސްރު ތަރި މުހައްމަދު ސަލާހަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް ކަމާ މެދު ޝައްކެއް ނެތް ކަމަށާއި ނަމަވެސް ސަލާހު ރިޓަޔާވުމުގެ ކުރިން ގިނަ މީހުންނަށް އޭނާގެ ފެންވަރު ވަޒަން ނުކުރެވޭނެ ކަމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅެ، 1-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗުގައި ވެސް އެ ޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ ސަލާހެވެ. އެ ގޯލަކީ މިސީޒަނުގައި އޭނާ ޖެހި 30 ވަނަ ގޯލެވެ.
މިހާރު ސަލާހު ހިމެނިފައި ވަނީ ލިވަޕޫލުގެ ތާރީހުގައި އެ ކްލަބަށް ފަސްވަނައަށް އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައެވެ. ފަސްވަނައިގައި އޮތް ސަލާހާއި އެ ކްލަބުގެ ލެޖެންޑް ސްޓީވަން ޖެރާޑް ވަނީ ޖުމުލަ 186 ގޯލު ކާމިޔާބުކޮށްފައެވެ. ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ އެ ކްލަބުގެ ލެޖެންޑް އިއާން ރަޝްއެވެ. ސަލާހު، ލިވަޕޫލުގެ ރެކޯޑުތަކެއް ހަދަމުންދިޔަ ނަމަވެސް، އެ ކްލަބުގެ ކޯޗު ކްލޮޕް ގަބޫލުކުރާ ގޮތުގައި ސަލާހަށް ހައްގުވާ އިހުތިރާމު އޭނާއަށް ނުލިބޭ ކަމަށެވެ.
"އަހަރެންނަކަށް ނުފެނޭ އޭނާ ހުއްޓުމަކަށް އަންނަ ތަނެއް، އެއީ އޭނާގެ ކިބައިގައި އަށަގެންފައިވާ އާދައެއް. އެގޮތަށް ގޯލު ޖެހުމުގެ ވިސްނުން ގެންގުޅެން ޖެހޭނެ. ކުޅުންތެރިން ކުޅެމުންދާ އިރު، ވަރަށް ގިނަ މީހުން އެކަންކަން ބަލައިނުގަނޭ. ނަމަވެސް އަހަރުތަކަކަށްފަހު، ސަލާހު ރިޓަޔާވުމުން މީހުންނަށް އޭނާގެ މޮޅު ކުޅުން ފާހަގަވާނެ. އަހަރެމެންނަށް ވަރަށް ސާފުކޮށް އެނގޭ ސަލާހަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަން،" 'ބީބީސީ ރޭޑިއޯ 5 ލައިވް' އަށް ދިން އިންޓަވިއުއެއްގައި ކޯޗު ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ ސަލާހަކީ ހާއްސަ ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން އިތުރު ހެކިތަކެއް ބޭނުން ނުވާނެ ކަމަށާއި މިހާރު އޭނާއަކީ ގޯލު ޖެހުމުގެ ވިސްނުން ގެންގުޅޭ ދުނިޔޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެއް ކަމަށެވެ. އަދި ސަލާހު ކުރަމުންދާ މަސައްކަތަށް ވެސް ކްލޮފް ތައުރީފުކުރިއެވެ.
ސަލާހަކީ ލިވަޕޫލުގެ ތާރީހުގައި އެ ކްލަބުގެ އަމިއްލަ ދަނޑު، އެންފީލްޑްގައި ވިދިވިދިގެން ކުޅުނު ނުވަ މެޗުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ. ސަލާހު ވަނީ އެންފީލްޑްގައި 100 ގޯލު ކާމިޔާބުކޮށްފައެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް އޭނާ ވަނީ ލިވަޕޫލަށް 30 އަށްވުރެ ގިނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ސީޒަނުގެ ކުރީކޮޅުގައި ލިވަޕޫލުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ނަތީޖާތައް ރަނގަޅުކޮށް މިހާރު އެ ޓީމު އޮތީ ޕްރިމިއާ ލީގު ތާވަލުގެ ފަސްވަނައިގައެވެ. ލިވަޕޫލާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.