ރަސްދޫ ޕޮލިސް އިސްޓޭޝަނުން ފިލި ޒުވާނާގެ ވަނަވަރު އާންމު ކޮށްފި

ރަސްދޫ ޕޮލިސް އިސްޓޭޝަނުން ފިލި ޒުވާނާ --- ފޮޓޯ: ފުލުހުން

ރަސްދޫ ފުލުސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓާ ފިލައިގެންދިޔަ މީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

ފުލުހުން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަންއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ގޮޅިން ނެރެފައި ހުއްޓާ ފިލައިފައިވާ ކަމަށެވެ.

އެ މީހަކީ އއ. ހިމަންދޫ ދަބުގެ، ހުސައިން ޝަހްބާން އެވެ. ފުލުހުން ބުނީ ޝަހްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދުގައި ހުރި މީހެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޝަހްބާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން، އެ ރަށުންނެވެ. ހައްޔަރުކުރުމަ ފަހު ރަސްދޫ ޕޮލިސް ސްޓޭޝަނާ އޭނާ ހަވާލުކުރީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށެވެ.

މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝަރީއަތުން ވަކި ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އޭނާ ހޯދުމުގެ މަސައްކަތް އަލިފް އަތޮޅުގެ ފުލުހުން ކުރަމުން އަންނައިރު ރަސްދޫއާ އެއް ފަޅެއްގައި އޮންނަ ކުރަމަތި ރިސޯޓްގައި އަންނަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

ފުލުހުން ވަނީ، ޝަހްބާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ރަސްދޫ ފުލުހުގެ ނަންބަރު 9791385 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111އަށް ގުޅައި ހިއްސާކުރަން އެދިފައެވެ.

ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުގައި ޝަހްބާން ފިލައިގެން ދިޔައިރު ފުލުސް ސްޓޭޝަނުން ބައެއް ތަކެތި ވެސް ވަގަށް ގެންގޮސްފައިވެއެވެ. އެހެން ނަމަވެސް، ފުލުހުން އެ ކަން ދޮގު ކުރެއެވެ. ފުލުހުން ބުނީ އޭނާ އެއްވެސް އެއްޗެއް ރަސްދޫ ފުލުސް ސްޓޭޝަނުން ގެންގޮސްފައިނުވާ ކަމަށެވެ.

comment ކޮމެންޓް