ބްރޯޑުކޮމްއަށް ލިބެން ޖެހޭ 24 މިލިއަން ރުފިޔާ ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް ރިޕޯޓު

ބްރޮޑްކާސްޓިން ކޮމިޝަން --- ފޮޓޯ/ޓުވިޓާ

މޯލްޑިވްސް ބްރޯޑުކާސްޓިން ކޮމިޝަން (ބްރޯޑުކޮމް)އަށް ލިބެންޖެހޭ 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް އޮޑިޓު އޮފީހުން ޢާންމުކުރި އެ ކޮމިޝަނުގެ 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

ބްރޯޑުކޮމްގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި، 2021 ވަނަ އަހަރުގެ ނިޔަލަށް ހަތަރު އަހަރުގެ މައްޗަށް ބްރޮޑްކާސްޓިން ކޮމިޝަނަށް 24،733،997 ރުފިޔާ ލިބެން ޖެހެއެވެ.

އެހެންނަމަވެސް، މާލިއްޔާތު ގަވާއިދުގެ 5.21 ވަނަ މާއްދާގެ (ހ)ގައި ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖޭ ފިޔަވަޅުތަކާއި އަދި ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދުގައި ހުރި މާއްދާތައް ފާހަގަކުރަމުން، އެ ރިޕޯޓުގައި ވަނީ އެ ގަވާއިދުތަކާ އެއްގޮތަށް އެ ފައިސާތައް ހޯދުމަށް ކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ.

ބްރޯޑުކޮމުން މި ފައިސާ ހޯދަން ކުރި މަސައްކަތަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ހުރިހާ ބްރޮޑްކާސްޓަރުންނަށް ނޯޓިސް ފޮނުވުމެވެ. އެފަހުން ލައިގަތް ކޮވިޑު-19 އާލަމީވަބާގެ ސަބަބުން ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓްރީ އޮފް ފިނޭންސާ އެކު ކުރެވުނު މަޝްވަރާތަކާ ގުޅިގެން، ނޯޓިސް ފޮނުވުމުގެ މަސައްކަތް މަޑުޖައްސާލެވުނީއެވެ.

މި ފައިދާ ހޯދުމުގެ މަސައްކަތް ބްރޯޑްކޮމުން އަލުން ފެށީ 2022 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އޭރުން ފެށިގެން ނޯޓިސް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށް، ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓުން ދައްކާ ގޮތުގައި ބްރޯޑްކޮމްއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން، އެންމެ ގިނައިން ނުލިބިވަނީ ރީބްރޯޑްކާސްޓިންގް ލައިސެންސްގެ ފީގެ ގޮތުގައި ލިބެން ޖެހޭ ފައިސާއެވެ. އެގޮތުން ރީބްރޯޑްކާސްޓިންގް ލައިސެންސްގެ ފީގެ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ހަ މިލިއަނަށް ވުރެ ރުފިޔާ ނުލިބެއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނަށް ނުލިބި ހުރި ފައިސާތަކުގެ ތަފްސީލު --- ސަން ގްރެފިކްސް

ކޮމިޝަނުން އެ ފައިސާތައް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމުގެ ސަބަބުން ނުވަތަ އެ ފައިސާ ލިބުން ލަސްވުމަކީ އޭގެ ސަބަބުން ސަރުކާރަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމުގައި ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ބްރޯޑުކާސްޓިން ކޮމިޝަންއަށް ލިބެން ޖެހޭ ފައިސާގެ ތަފްސީލު:

  • 2017: 11،853،501 ރުފިޔާ
  • 2018: 2,236,819 ރުފިޔާ
  • 2019: 1,245,291 ރުފިޔާ
  • 2020: 4,593,431 ރުފިޔާ
  • 2021: 4,804,955 ރުފިޔާ
    ޖުމްލަ: 24،733،997 ރުފިޔާ

މީގެ އިތުރުން، އެ ކޮމިޝަނުގެ އަހަރީ މާލީ ހިސާބުތައް އޮޑިޓާ ޖެނެރަލްއަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓެއް އޮޑިޓާ ޖެނެރަލްއަށް ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް، 2021 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިމިދިޔަ އަހަރުގެ މާރިޗު މަހުގެ 31 ގެ ކުރިން ހުށަހަޅާފައިނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިކަން ރަނގަޅުކޮށް، ކޮންމެ މީލާދީ އަހަރެއް ނިމުމުގެ ތިން މަސް ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް އޮޑިޓް ރިޕޯޓުގައި އިލްތިމާސްކޮށްފައިވެއެވެ.

comment ކޮމެންޓް