މިރޭގެ ހަނދުކޭތައާ ގުޅިގެން ކޭތަ ނަމާދެއް ނުކުރާނެ: މިނިސްޓްރީ

ޖެނުއަރީ 2020 ވަނަ ދުވަހު ހިދި ހަނދުކޭތަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި ކޭތަ ނަމާދު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިފަދައިން ނިންމީ، މިރޭ ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ހަނދުގެ އެއްވެސް ބަޔަކުން އަލިކަން މުޅިން ފިލައިގެން ގޮސް އަނދިރިކަން ނުހުންނާނެތީއެވެ.

މިނިސްޓްރީން ބުނީ ހަނދުކޭތަ ހިފާ ވަގުތު ފަނޑު ހިޔަންޏެއް ފަދައިން ހަނދަށް އެޅިފައި ހުންނާނީ ވަރަށް ފަނޑު އައްޔެއް ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ހަނދު ކޭތަ ހިފަން ފަށާނީ މިރޭ ރާއްޖެ ގަޑިން 8:15 ގައެވެ. އަދި, ހަނދު ކޭތަ ހިފާ ނިމޭނީ މެންދަމު 12:30 ގައެވެ.

މިކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެމުން މެޓް އޮފީހުން މީގެ ކުރިން ބުނެފައިވަނީ، ހަނދުކޭތަ އެންމެ ގަދައަށް ހިފާނީ ގަޑިން 10:22ގައި ކަމަށެވެ.

މެޓް އޮފީހުން ބުނީ މިރޭ ހިފާ ހަނދު ކޭތައަކީ ފަނޑު އަލީގެ ކޭތައެއް ކަމަށާއި އެހާ ސާފެއް ނުވާނެ ކަމަށެވެ. ސަބަބަކީ މި ދުވަސްކޮޅު ވިއްސާރަވެ، މޫސުން ގޯސްވުމާ ގުޅިގެން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި، އުޑުމަތު ސާފުނަމަ މި ކޭތަ ސާފުކޮށް ފެންނާނެ ކަމަށް ވެސް ބުންޏެވެ.

މިއީ މި އަހަރުގެ ދެވަނަ ކޭތައެވެ. މީގެ ކުރިން ވަނީ އިރުކޭތައެއް ހިފައިފައެވެ.

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ އިތުރުން ސަރަޙައްދީ އެހެން ޤައުމުތަކަށް ވެސް ފެނިދާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ހަނދު ކޭތައަކީ ހަނދު މަހުގެ މެދު ތެރޭގައި ހިފާ ކޭތައެކެވެ. މި ކޭތަ ހިފަނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.

comment ކޮމެންޓް