މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ތ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވަނީ މިއަދުގެ 9:30އިން ފެށިގެން 13:30އަށް މޫސުން ގޯސް ވާނެކަމަށް ލަފާކޮށް އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައެވެ.
މެޓުން ލަފާކުރާ ގޮތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި ފަސް މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން އަތޮޅުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެބާރުމިނުގައި ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފޫޓު ހުންނާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރެއަށް ފަސް ފޫޓާއި ހަތް ފޫޓު ހުންނާނެކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްރަށުގައި ވަނީ ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ. އަދި މާލޭގައި ވެސް ފެންބޮޑުވެ ގިނަ ގެއްލުންތައް ވަނީ ލިބިފައެވެ.
މިހާރު ކުރަމުންދާ ވިއްސާރަގައި ދިމާވެދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.