40 އަހަރު "އުދުހުމަށް" ފަހު ރާއްޖޭގެ ފުރަތަމަ އެއާލައިން ކެޕްޓަން އިބުރޭ ރިޓަޔާ ކޮށްފި

ކެޕްޓަން އިބުރޭ ފްލައިޓެއްގައި--- ފޮޓޯ/ އޭވިއޭޓާސް މޯލްޑިވްސް

ރާއްޖޭގައި އެންމެ ފުރަތަމަ އެއާލައިން ކެޕްޓަން އިބްރާހިމް ރަޝީދު (ކެޕްޓަން އިބުރޭ) 40 އަހަރު މަތިންދާބޯޓު ދުއްވުމަށް ފަހު މިއަދު ރިޓަޔާކޮށްފިއެވެ.

ކެޕްޓަން އިބުރޭ މަތިންދާބޯޓު ދުއްވުމުގެ ލައިސަންސް ނެގުމަށްފަހު ކެޕްޓަން އިބުރޭ އެންމެ ފުރަތަމަ މަސައްކަތްކުރައްވަން ފެއްޓެވީ 1983 ވަނަ އަހަރު އޭރު ރާއްޖޭގެ ޤައުމީ އެއާލައިން އެއާ މޯލްޑިވްސްގައެވެ.

މިހާރު ފްލައިމީގައި މަސައްކަތްކުރާ އިބުރޭގެ ކެޕްޓަންކަމުގެ ދަށުން އެންމެފަހުން ކުރި ދަތުރަކީ މިއަދު އދ. މާމިގިލިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރި ދަތުރެވެ.

ކެޕްޓަން އިބުރޭ ޕައިލެޓަކަށް ވުމުގެ ޝައުގުވެރިކަން އުފެދުނީ ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް، މުހަންމަދު ނައީމް (ޕައިލެޓް ނައީމް) ކުޑަ މަތިންދާބޯޓެއްގެ ފިޔަގަނޑެއްގައި ލެނގިލައިގެން ހުރި "ތަސްވީރެއް" ފެނިގެންނެވެ. މި ތަސްވީރު ކެޕްޓަން އިބުރޭއަށް ފެނިވަޑައިގެންނެވީ ޕައިލެޓް ނައީމުގެ ގޭ ފާރުގައި ހިއްޕާފައި ހުއްޓައެވެ.

އޭލެވެލް ނިންމަވާލެއްވުމަށްފަހު އޭނާ އެންމެ ފުރަތަމަ އެއިރޯ އިންޖިނިއަރިން އަދި ޕައިލެޓް ޓްރެއިނިންގ ހައްދަވާފައިވަނީ ޕާކިސްތާނުންނެވެ. އެއަށްފަހު ކެޕްޓަން ރަޝީދު ވަނީ ތައިލެންޑުން ވެސް ޕައިލެޓް ތަމްރީނު ކޯސް ހައްދަވާފައެވެ.

އޭވިއޭޝަން ދާއިރާގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްއިން ކެޕްޓަން އިބުރޭ ރިޓަޔަމަންޓާއި ގުޅޭގޮތުން ބުނެފައިވަނީ، 40 އަހަރު އުދުހުމަށް ފަހު މިއަދު ކެޕްޓަން ރަޝީދު ރިޓަރޔާވުމުގެ ކުރިން ކުރާ ފަހު ދަތުރު ކުރެއްވީ، އެއާރލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް 001 ނަންބަރު އަތުގައި އޮވެކަމަށެވެ.

ކެޕްޓަން އިބުރޭ ރިޓަޔަ ކުރެއްވުމަށް ނިންމެވުމާއި ގުޅިގެން ކެޕްޓަން މުހައްމަދު ރަނޭޝް (ރަނޭ) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކެޕްޓަން އިބުރޭއާ ނުލައި ރާއްޖޭގެ އޭވިއޭޝަން ދާއިރާ މިއަދު މިގޮތަށް ނުފެނުނީސް ކަމަށާއި، ރިޓަޔަކުރި ނަމަވެސް އެންމެންގެ ހިތުގައި އިބުރޭ އަބަދުވެސް ހުންނާނީ ޕައިލެޓެއްގެ ގޮތުގައި ކަމަށެވެ.

ކެޕްޓަން އިބުރޭ ވަނީ އެއާ މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ދިފާއި ވުޒާރާ އާއި މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮޓޯރިޓީގެ އިތުރުން ވިލާ އެއާ (މިހާރު ފްލައި މީ)ގައި ވެސް މަސައްކަތް ކުރައްވާފައެވެ.

comment ކޮމެންޓް