ވާރެ ކޮޅެއް ވެހިލާއިރަށް ޑިސްކާއި ރިހާކުރު ވާހަކަ

މީހަކު ރިހާކުރާއި ޑިކްސް ކަނީ: މިއީ ދިވެހީންގެ ތެރޭގައި މަގުބޫލު ކެއުމެއް-- ފޮޓޯ: މޯލްޑިވްސް މެގަޒިން

ދިވެހިންނަށް ވިއްސާރަ މޫސުމާ އެންމެ ގުޅިފައިވާ އެއް ކަމަކީ ރިހާކުރަށް އޮންނަ ލޯތްބެވެ. ވިއްސާރަ މޫސުން އަންނައިރަށް އެންމެންހެން ސޯޝަލް މީޑިއާގައި ދައްކާނީ އެއް ވާހަކައެކެވެ. އެއީ ޑިސްކާއި ކުޅި ރިހާކުރުގެ ވާހަކައެވެ. މިއޮތީ އަނެއްކާ ހެން އެ ދުވަސް އައިސްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހެމުން ދާ ދުވަސްކޮޅެކެވެ. އާންމުކޮށް ހޫނު ދުވަސްތަކަކަށް ފަހު ވިއްސާރަ ވެލާއިރަށް އެންމެން އެންމެ ފުރަތަމަ ޖައްސާ އެއް މައްސަލައަކީ މަގުމަތީގައި ފެންބޮޑުވާ ވާހަކައެވެ. ނަމަވެސް އެއަށްފަހު ދެން އެންމެ އަވަހަށް ދައްކާ ވާހަކައަކީ ރިހާކުރުގެ ވާހަކައެވެ.

ފިނި ދުވަސްކޮޅެއް އަންނަ އިރަށް ހަށިގަނޑު ހޫނު ކޮށްލުމަށް ތަފާތު ކުޅި އެއްޗެހި ހަދައިގެން ކެއުމަކީ ވަރަށް އާންމު ކަމެކެވެ. މިކަމަށް ގިނަ ދިވެހިންނަށް މަގުބޫލު އެކައްޗަކީ ކުޅި ރިހާކުރާއި ޑިސްކެވެ.

ޑިސްކު ނެތިއްޔާ އޭގެ ބަދަލުވެސް އެހެން އެއްޗެހި ބޭނުންކުރަން ވާނެއެވެ. ނަމަވެސް ރިހާކުރު ބަދަލެއް ނުކުރެވޭ ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެއެވެ.

ކުޅި ރިހާކުރާ ޑިސްކް ނުވަތަ މުރަނަ ރޮއްޓަކީ ގިނަ ބައެއްގެ މަގުބޫލު އެއްޗެކެވެ. ރިހާކުރާ ދެން ގޮސް ގުޅެނީ ފާރޮއްޓެވެ. ކުޅި ފާރޮށި ވެސް އެއީ ވިއްސާރަ މޫސުމަށް ކަމުދާ އެއްޗަކަށް އޮންނަނީ ވެފަ އެވެ. އަދި ޑިސްކާ އެކު މި ކާލަން ހަމަ މަރެކެވެ. މި ހުރިހާ އެއްޗެއް އެއްކޮށް ގުޅުވާލައި ފުރިހަމަ ކޮށްލަދެނީ ހޫނު ކަޅުސައި ތަށްޓެކެވެ. މި އެއްޗެހި ލިބިއްޖެ ނަމަ ވިއްސާރަ ދުވަހަކަށް ބޭނުންވާނެ އެއްޗެހި ހަމަވީއެވެ.

މި ވާހަކަ ދެކެވެން ފަށާފައިވަނީ ވެސް ނިކަން ރަނގަޅު ދުވަސްވަރެއްގައެވެ. އެއީ މެއި މަހުގެ 11 އަކީ ސޯޝަލް މީޑިއާގެ ޔޫޒަރުންތަކެއް ރާވައިގެން "ގައުމީ ޑިސްކު ރިހާކުރު" ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހަށް ވެސް ވާތީއެވެ.

ވިއްސާރަ ދުވަހެއްގައި ކުޅި އެއްޗެހި ކެއުމަކީ ހަމައެކަނި ރާއްޖެއަށް ހާއްސަ ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަރަށް އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. އަވަށްޓެރި އިންޑިއާއަށް ބަލާލުމުން ވެސް އެކަން ވަރަށް ސާފު ވާނެއެވެ. އިންޑިއާގައި ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ އެކި ސަރަހައްދުގައި ކައި އުޅޭ އެއްޗެހި ތަފާތުވެއެވެ. ނަމަވެސް މީގެ ތެރޭގައި ވެސް މަގުބޫލު އެއްޗެހިތަކެއް ހިމެނެއެވެ. އެންމެ އާންމުކޮށް ކައި އުޅޭ އެއްޗެހީގެ ތެރޭގައި "ޕަކޯޅާ" އާއި "އާލޫ ޓިއްކީ ޗާޓް" އަދި "ވަޅާ ޕާވް" ފަދަ ތަކެތި ހިމެނެއެވެ. އަދި މި ތަކެއްޗާއެކު އެންމެ މަގުބޫލުވާނީ މަޝްހޫރު ބޮމްބޭ ސައި ނުވަތަ މަސާލާ ސައެވެ.

comment ކޮމެންޓް