ރެސްޓޯރެންޓަކުން ކާނެ އެއްޗެއް ނޭނގިގެން އުޅޭ ނަމަ އެންމެ ފުރަތަމަ ވެސް އަހާލަންވީ އެކަކީ އައިމިނަތު ދީމާ ކައިރިއެވެ. އެއާއެކު އިސާހިތަކު އެންމެ ސަޅި ތަންތަން ދީމާ ކިޔައިދީފާނެއެވެ. ނަމަވެސް ރޯދަ މަހަކީ ރެސްޓޯރެންޓުތަކުގެ މަހެއް ނޫނެވެ. މިކަމަށް ވެސް ދީމާ ހައްލުތަކެއް އެބަ އޮތެވެ.
ދިވެހިންގެ ތެރޭގައި މަގުބޫލު ފުޑް ބްލޮގާ ދީމާ ނުވަތަ "ފުޑް ޑީވާ" އަކީ ރެސްޓޯރެންޓުން މީރު ކާނާ ކިޔައިދޭ ޒުވާނެކެވެ. ނަމަވެސް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ދީމާ ކިޔައިދެނީ ތަފާތު ވާހަކައެކެވެ. އެއީ، ގޭގައި ތިބެ ފަސޭހަ ގޮތަކަށްް ތަފާތު ޑިޝްތައް ތައްޔާރުކޮށްލާނެ ގޮތެވެ.
މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ދީމާ ވަނީ ތަފާތު އަދި ރަހަ މީރު ޑިޝްތައް ފަސޭހައިން ހަދާލެވޭނެ ގޮތްތައް ކިޔައިދީފައެވެ. އަދި ކޮންމެ ދުވަހަކު ހެން ތަފާތު ޑިޝްއެއް މާ ހާސްކަމެއް ނެތި ތައްޔާރު ކޮށްލަން ދީމާ ވަނީ އެހީ ވެދީފައެވެ. މިއަހަރުވެސް ތަފާތެއް ނެތެވެ.
މި ރޯދަ މަހާ ދިމާކޮށް ދީމާ ވަނީ ތަފާތު 14 ޑިޝްއެއް ހަދާނެ ގޮތް ވަރަށް ސާފު ކޮށް ކިޔައިދީފައެވެ. މީގެ ތެރެއިން މިއަދު ނޫނީ މި ހަފުތާގެ ތެރޭގައި ތައްޔާރު ކޮށްލެވިދާނެ ފަސޭހަ ޑިޝްތަކެއް ލިސްޓު ކޮށްލާނަމެވެ.
ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ވެސް ކުކުޅަށް ހާއްސަ ވަރުގަދަ އެއް ޑިޝް ތައްޔާރު ކުރުމަށް ދީމާ މަސައްކަތް ކުރެއެވެ. އެކަން ސޯޝަލް މީޑިއާގެ ޕޯސްޓުތަކުން އެނގެއެވެ. މިހާތަނަށް ދީމާ ވަނީ ކުކުޅަށް ހާއްސަ ތިން ޑިޝް އެއް އާންމުކޮށްފައެވެ. އޭގެތެރެއިން އެންމެ ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއް ޑިޝް އަކީ މިއެވެ.
ހުތް އަދި ލޮނު ހެޔޮވަރު މި ޑިޝް އަކީ ހަށިގަނޑަށް ބޭނުންވާނެ ޕްރޮޓީން އާއި ކާބްސް އަދި ފައިބާ ހިމެނޭ ޑިޝްއެކެވެ. ނަތީޖާއެއްގެ ގޮތުން ބަނޑަށް އުނދަގޫ ނުވެ މީހާ ރަނގަޅަށް ފުރާލައި އަދި ގިނަ އިރު ހައި ނުވެ ހުރުމަށް މި ޑިޝް އެހީތެރިވާނެއެވެ.
ރޯދަ މަހު އެންމެ ބޮޑު ސަމާލު ކަމެއް ދެވޭ އެކައްޗަކީ ފޮނި އެއްޗެހި ހެދުމަށެވެ. އެގޮތުން ބައެއް ގޭގޭގައި ކޮންމެ ދުވަހަކު ތަފާތު ފޮނި އެއްޗެއް ހަދައެވެ. ނަމަވެސް ބައެއް ފަހަރަށް ފޮނި އެއްޗެއް ހެދުމަކީ ހަރަދު ބޮޑު ކަމެކެވެ. ދީމާ މިފަހަރު ކިޔައިދޭ އުފެއްދުމަކީ ހަދާލަން ފަސޭހަ އަދި ހަރަދު ކުޑަ އުފެއްދުމެކެވެ. ޕާނާއި ޗޮކްލެޓު ފިޔަވާ ދެން މި އުފެއްދުމަށް ބޭނުންވާ ހުރިހާ އެއްޗެއްސަކީ ގޭގައި ހުންނާނެ އެއްޗެއްސެވެ.
މިއީ ގޭގައި ތަފާތު އެއްޗެއް ތައްޔާރު ކޮށްލަން ބޭނުންވާ ދުވަހަކަށް ބަލާލަން ރަނގަޅު ޑިޝް އެކެވެ. ޓޯޓިއާ ރެޕް ބޭނުން ކޮށްގެން ހަދާ މި ޑިޝްއަށް ރޮށި ވެސް ބޭނުން ކޮށްލެވިދާނެއެވެ. އެހެންވީމާ ކުރީ ދުވަހު ފިހެ ރޮށި ބާކީ ވެއްޖެ ނަމަ މިއީ އެ ބޭނުން ކޮށްލެވޭނެ ރަނގަޅު ގޮތެކެވެ. ފަސޭހައިން ތައްޔާރު ކޮށްލެވޭ މި ޑިޝް އަކީ ވެސް މީރު އަދި ގިނައިރު މީހާ ހައި ވިޔަ ނުދީ ބަހައްޓާނެ ޑިޝް އެކެވެ.