ރޯދަ ވީއްލުމަށްފަހު މާގިނައިން ފޮނި އެއްޗެހި ކާ ހިތްވަނީތަ؟ ސަމާލުވޭ!

ރޯދަ ވީއްލުމަށްފަހު މާގިނައިން ފޮނި އެއްޗެތި ކެއުމަކީ އެކި އެކި ސިއްހީ މައްސަލަތައް ކުރިމަތިވުމަށް މަގުފަހު ކުރުވާ ކަމެއް-- ފޮޓޯ/ޕިންޓަރެސްޓް

ރަމަޟާން މަހަކީ ތަފާތު އެކި ވައްތަރުގެ އާ ކެއުންތައް ތަޖުރިބާކޮށްލަން ގިނަ ބަޔަކު ބޭނުންވާ މަހެކެވެ. އެކި ވައްތަރުގެ އާ ރެސިޕީތައް ސޯޝަލް މީޑިއާގެ ނިއުސް ފީޑުން ފުރާލާއިރު އެ ކެއުންތައް ތަޖުރިބާކޮށްލާ ހިތްވުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ސަމާލުކަން ދޭންވީ ކަމަކީ ދުވާލުގެ ގިނަ ވަގުތު ހުސް ބަނޑާ ހުރުމަށްފަހު ރޯދަ ވީއްލާ ވަގުތުން ފެށިގެން ހާރު ދަމު ކެއުމާ ހަމައަށް ހަކުރު އެކުލެވޭ ނުވަތަ ގިނަ އަދަދަކަށް ކެލޮރީސް އެކުލެވޭ ކެއުންތަކާ ދުރުވުމަށެވެ.

ރޯދައަށް ހުންނަ ވަގުތު އަޅުގަނޑުމެންގެ އިންސިއުލިންގް ލެވެލް އާއްމުކޮށް ހުންނަނީ ވަރަށް ދަށްކޮށެވެ. އެހެންކަމުން ހަކުރު އެކުލެވޭ ކެއުންތައް ރޯދަ ވީއްލަ ވަގުތު ބޭނުން ކުރުމަކީ އިންސިއުލިންގް ވަރަށް ބޮޑަށް އިތުރުވާނެ ކަމެކެވެ. މީގެ ސަބަބުން ބަނޑުހައިވެފައި ހުރުމަށްފަހު ކާން ފެށުމުން އެއްފަހަރާ މާގިނައިން ކާ ހިތްވުން ފަދަ ނުރަނގަޅު އާދަތަކާ ދޯޅުވުމަކީ ވަރަށް ކައިރި ކަމެކެވެ.

ފޮނި އެއްޗެއްސަކީ ވެސް ހަށިގަނޑަށް މުހިއްމު ކެއުމެއް ކަމުން ހަކުރު އެކުލެވޭ ކާނާ ކެއުމުގައި ބެލެންސްކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ސަމާލުކަން ދެވިދާނެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް އެތެރެކުރެވޭ ހަކުރުގެ ބާވަތްތައް ކޮންޓްރޯލް ކުރުމަށް ލުއިފަސޭހަވެގެން ދާނެއެވެ.

ކެއުމުގައި ބޭނުންކުރާ ފޮނި ކެއުންތަކުގެ ބަދަލުގައި ގުދުރަތީ މޭވާތައް ބޭނުން ކުރުމުން ފޮނި ކެއުންތަކާ ދުރުކޮށްދިނުމަށް އެހީތެރިވެދޭ--
ރަމަޟާން މަހު ރޯދަ ވީއްލާ ވަގުތު ހަކުރު އެކުލެވޭ ކެއުންތަކާ ދުރުވުމުގެ ގޮތުން ކަދުރު ކެއުން އާދަކުރެވިދާނެއެވެ. ކަދުރު އަދި ގުދުރަތީ ފޮނިކަން އެކުލެވޭ މޭވާއެއް ކެއުމަށްފަހު ހަށިގަނޑަށް ތިޔަ ބޭނުންވާ ފޮނި އެއްޗެއް ކެއުމުގެ އާދައާ ދުރުވެވިއްޖެނަމަ އެއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނިންމޭނެ ވަރަށް ފުރިހަމަ ނިންމުމަކަށް ވާނެއެވެ.

ހަމަ އެއާއެކު ދުވާލެއްގެ މައްޗަށް ބޭނުންކުރެވޭ ކެލޮރީސްގެ މިންވަރު ބެލެހެއްޓުން، ފޮނި ކެއުމަކާ އެކު ޕްރޮޓީންސް އެކުލެވޭ ކެއުމެއް އިހުތިޔާރު ކުރުން އަދި ކިރުގެ ބާވަތް އެކުލެވޭ ފޮނި އެއްޗެއް ކެއުމަށް އިސްކަން ދިނުމަކީ ވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ފޮނި ކެއުންތަކާ ދުރުކޮށްދޭނެ ކަމެކެވެ.

comment ކޮމެންޓް