ކެމްބޯޑިއާގެ އޮން އެރައިވަލް ވިސާ ދިވެހިންނަށް ހަމަޖެހިއްޖެ

ފަތުރުވެރިން ރާއްޖޭގެ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެމްބޯޑިއާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިއަދުން ފެށިގެން ކެމްބޯޑިއާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފެށީ މި އަހަރު ޖެނުއަރީ މަހު ސޮއިކުރެވުނު ވިސާ އެގްޒެމްޝަން އެގްރީމަންޓުގެ ދަށުންނެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މި އަހަރުގެ ޖެނުއަރީ މަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ހުންސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ކެމްބޯޑިއާއިން ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމަށް މިއަދު އަމަލުކުރަން ފެށުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ އެހެން ގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުންތައް ވަރުގަަދަވާނެ ކަމެކެވެ.

ކެމްބޯޑިއާގެ އިތުރުން ގިނަ ގައުމުތަކަކުން މިހާރު ވެސް ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބެއެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ގައުމުތަކަކީ ކަޒަކިސްތާނާއި އޮމާނެވެ.

comment ކޮމެންޓް