ވިލިމާލޭގެ ބަގީގެ ޚިދުމަތަށް ބޮޑު ތަރުހީބެއް، 24،328 ދަތުރުކޮށްފި

މާލެ ސިޓީ ކައުންސިލުން ވިލިމާލެއަށް ގެނައި ބަގީތައް -- (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

މަސް ދުވަހުގެ ތެރޭގައި، ވިލިމާލޭ ބަގީގެ ޚިދުމަތަށް އެދި ގުޅައިގެން 15،392 ދަތުރުކޮށްދީފައިވާ ކަމަށާއި ބަގީއަށް ކަނޑައަޅާފައިވާ ރޫޓުން 8،936 ދަތުރުކޮށްދީފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ވިލިމާލޭގައި ބަގީގޭ ޚިދުމަތް ތައާރަފުކޮށް، ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުއެވެ. އޭގެ ފަހުން، ބަގީގެ ޚިދުމަތް ފެށިތާ އިއްޔެގެ ނިޔަލަށް ވަނީ މަސްދުވަސްވެފައެވެ.

https://sun.mv/175748

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ބަގީގެ ޚިދުމަތް ފެށިތާ މަސްދުވަސްވެފައިވާއިރު، އެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އިއްޔެއާ ހަމައަށް ބަގީގެ ޚިދުމަތަށްއެދި ގުޅައިގެން 15،392 ދަތުރު ވިލިމާލޭ ބަގީއިން ކޮށްދީފައިވާ ކަމަށާއި، އަދި ބަގީއަށް ކަނޑައަޅާފައިވާ ރޫޓުން 8،936 ދަތުރު ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ވިލިމާލެއަށް ގެނައި ބަގީތައް -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން އެ ޚިދުމަތަށް އަދި ފޯރުކޮށްދެމުން ދަނީ އެއްވެސް އަގެއް ނުނަގާ، ހިލެއެވެ. އަދި އަގު ނަގާނެ ވަކި ތާރީޚެއް ނާންގައެވެ.

ނަމަވެސް ބަގީގެ ޚިދުމަތް މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދޭ އަގުތައް މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ ދެ ރުފިޔާގެ ފީއެކެވެ. ނަމަވެސް ބަގީ "ޕްރައިވެޓް ހަޔާ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ.

ޕްރައިވެޓް ހަޔަ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

  • . 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • . 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • . 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާއެވެ.

މީގެ އިތުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ބަގީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ. އޭގެ ތެރޭގައި މުދާ އުފުލާ ބަގީ އާއި ކުއްލި ހާލަތް ތަކުގައި އިމަޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނެއެވެ. އަދި ހަތަރު ސީޓުގެ ބަގީ އާއި، ހަ ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާ ވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއް ކަމަށެވެ.

comment ކޮމެންޓް